ޗައިނާގެ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ޑޭޓާތައް ނެތުމުގެ ސަބަބުން ވެކްސިން ގައުމުތަކަށް މާކެޓްކުރުމުގައި ދަތިކަމާ ކުރިމަތިވަމުން އެބަދެއެވެ.
ޗައިނާއިން މިދިޔަ މަހު ސިންގަޕޫރަށް އެތެރެކޮށްފައިވާ ސިނޮވެކް ވެކްސިން އަދިވެސް ހުރީ ގުދަންކުރެވިފައެވެ. ނަމަވެސް، ސިންގަޕޫރުން މިހާރު ވަނީ ފައިޒާއާއި މޮޑެނާގެ ވެކްސިން އެގައުމުގެ ރައްޔިތުންނަށް ދޭންފައްޓާފައެވެ. ސިންގަޕޫރުގެ އޮފިޝަލެއް ބުނިގޮތުގައި ސިނޮވެކް އެގައުމުގެ ރައްޔިތުންނަށް ދިނުމަށް ދަތިވަނީ ރަނގަޅު ޓަރައަލް ޑޭޓާތަކެއް ނެތުމުގެ ސަބަބުންނެވެ.
ރިޕޯޓްތައް ބުނާގޮތގައި މިކަމުން ދޭހަވަނީ ޗައިނާއިން އުފައްދާފައިވާ ވެކްސިން ބަލައިގަތުމަށް ދުނިޔޭ ގިނަ ގައުމުތަކުން އަދިވެސް ޖެހިލުންވާކަމެވެ. އިންޑޮނޭޝިއާއި ސިއެރަ ލިއޯންގެ ރައީސުންވަނީ އެ ގައުމުތަކުގައި މިވެކްސިން ޕްރޮމޯޓް ކުރުމުގެ ގޮތުން ވެކްސިން ޖައްސަވާފައެވެ. ޗައިނާގެ ސިކޮވެކް އަދި ސިނޮފާމް އިން ވަނީ އެންމެ ފުރަތަމަ ވެކްސިން އުފެއްދި ބައެއްގެ ގޮތުގައި ވެފައއެވެ. ގިނަ ގައުމުތަކެއްގައި މި ވެކްސިން ދޭން ފެއްޓިފައިވީ ނަމަވެސް އަދިވެސް ސާފުކުރަން ދަތި ވެފައިވަނީ މިވެކްސިންގެ ޑޭޓާތައް ޝާޢިއު ނުކުރެވިގެން އުޅެނީ ކީއްވެގެން ކަމެވެ.
އިނގިރޭސި ވިލާތުގެ ގައިންގަޔަށް އަރާބަލިތައް ދިރާސާކުރާ އިނގިރޭސި އެކްސްޕާޓެއް ކަމުގައިވާ ޕީޓަ އިންގްލިޝްވެސް ވަނީ މީގައި ސުވާލު އުފެދޭ ކަމަށް ބުނެފައެވެ.
ޗައިނާއިން އުއްމީދު ކުރިވަރާއި އެއްވަރަކަށް ވެކްސިން މަސައްކަތް ނުކުރިކަމުގައި ވިޔަސް ޗައިނާއިން ވަނީ އެގައުމަށް ދަތުރުކުރާ ފަރާތްތަކުން މިވެކްސިން ޖަހައިގެ ދަތުރުކުރުމަށް ބާރުއަޅާފައެވެ. މިދިޔަ ހަފުތާގައި އެކުވެރި އަރަބި އިމާރާތުގައި މި ވެކްސިން ޑިސްޓްރިބިއުޓް ކުރާ ފަރާތުން ވަނީ، ފުރަތަމަ ދެ ޑޯޒުން އެކަށީގެންވާ މިންވަރަކަށް އެންޓި ބޮޑީ ނުއުފެއްދާތީ، މަދު ބަޔަކަށް މި ވެކްސިންގެ ތިން ވަނަ ޑޯޒް ދޭން ނިންމާފައެވެ.
ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ ސިނޮފާމުން ވަނީ އެ ފަރާތުގެ ވެކްސިން 70 އިން ސައްތަ މީހުންނަށް މަސައްކަތް ކުރާ ކަމުގައި ރިޕޯޓު ކޮށްފައެވެ. މި ވެކްސިންގެ ވާދަވެރިއެއްގެ ގޮތުން އުޅޭ ޗައިނާގެ އަނެއް އުފެއްދުން ކަމުގައިވާ ސިނޮވެކުގެ ވެކްސިނުގެ އެފިކަސީ ބްރެޒިލްގައި އުޅޭ ކަމުގައި ވަނީ 50.4 އިން ސައްތަ އަދި ތުރުކީގައި 80 އިން ސައްތައެވެ.
ޗައިނާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އާއި ސިނޮފާމު އަދި ސިނޮވެކުން ޝަކުވާތަކާއި ސުވާލުތަކައް ރައްދު ދީފައެއް ނުވެއެވެ.
މި ދެ ވެކްސިންވަނީ ދުނިޔޭގެ ކުރިއަރަމުންދާ ގައުމުތަކުގައި ބޭނުންކުރަން ފެއްޓިފަ ކަމުގައި ވިޔަސް ދުނިޔޭގެ މުއްސަދި އަދި ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ އެމެރިކާގެ މޮޑެނާ އާއި ޖަރުމަނު-އެމެރިކާގެ ފާމަސޫޓިކަލް ވިޔަފާރީގެ ފައިޒާ-ބިއޮންޓެކްގެ ވެކްސިނެވެ.
ސިންގަޕޫރުގެ ގައުމީ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޗޮން ޖާ އީން ބުނިގޮތުގައި ދެގައުމުގެ ދާހިލީ ގުޅުމަށް ބުރޫ އަރާފާނެތީ ޗައިނާގެ ވެކްސިން އަނބުރާ ރައްދު ނުކުރެވުނު ކަމުގައި ވިޔަސް ވެކްސިން ދޭން ހުއްދަ ނުދެވިފައިވަނީ އެކަށީގެންވާ ޑޭޓާ ތަކެއް ނެތުމުގެ ސަބަބުންނެވެ. އަދި އެހެން ގިނަ ގައުމުތަކާއި ބަލާއިރު ސިންގަޕޫރަކީ މީހުން މަދު ތަނަވަސް ގައުމަކަށް ވާތީ ދެ ހުރި ވެކްސިން ހޯދަން ފަސޭހަކަމުގައިވެސް އޭނާ ބުންޔެވެ.
ރޮއިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭވަނީ ޗައިނާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ސިނޮވެކް ނޫން އެހެން ޗައިނާ ވެކްސިނެއް ނަގަން ބޭނުން ކަމަށް ވިދާޅުވެފައެވެ. ބްރެޒިލްގް ރައީސް ހެއާ ބޮލްސެރާނޯވެސް އެ ގައުމުގެ ރައްޔިތުންނަށް ޗައިނާއިން ހަދިޔާ ކޮށްފައިވާ ސިނޮވެކް ވެކްސިން ދޭން ފުރަތަމަ ދެކޮޅުވެ ވަޑައިގެންކަމުގައިވެއެވެ.
އާއްމު ގޮތެއްގައި ވެކްސިން ތައްޔާރު ކުރާ ފަރާތްތަކުން 3 ވަނަ ޓްރައަލްގެ ޑޭޓާތައް ޖާނަލްތަކުގައި ޝާއިއުކުރެއެވެ. މިގޮތުން މޮޑެނާ އާއި ފައިޒާ-ބިއޮންޓެކްގެ ޑޭޓާތައް ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގެ ޑިސެމްބަރު އަދަދުގައި ޝާއިއު ކުރިއެވެ. ސިނޮވެކްއާއި ސިނޮފާމުން ވަނީ އަމިއްލަ ގޮތުން ނަތީޖާތައް ދައްކާފަ ކަމުގައިވިޔަސް ޖާނަލްއެއްގައި ޝާއިއުކުރެވިފައެއްނުވެއެވެ.
ޗައިނާގެ ސަރުކާރުގެ އިސް ފަރާތްތަކުންނާއި ވެކްސިން އުފެއްދުމުގައި އުޅޭ ފަރާތްތައް ވަނީ އެމީހުންނާ ޑޭޓާތައް ނެރުމުގައި ކުރެވޭ ސުވާލުތަކަށް ބީރު ކަންފަތެއް ދީފައެވެ. މިމަހުގައި ޗައިނާގެ ސަރުކާރުން ހިންގާ ނޫހެއް ކަމުގައިވާ ގްލޯބަލް ޓައިމްސް އަށް އެ ގައުމުގެ ސީ.ޑީ.ސީގެ އޮފިޝަލެއް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިނޮވެކް އަދި ސިނޮފާމުގެ ވެކްސިން ޖަހަން ފައްޓާފައިވާ ގައުމުތަކުގައި ވެކްސިން ޓްރައަލް ކުރިއަށް ގެންދިޔަކަމަށާއި އަދި އެ ގައުމުތަކުން ވެކްސިންގެ ޓްރައަލް ޑޭޓާތައް ނެރެން ބޭނުންކަމުގައިވާނަމަ ނެރޭނެ ކަމުގައެވެ. އަދި މިކަމަށް ޗައިނާއިން ބާރު ނުފޯރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޗައިނާ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ރިޕޯޓުކޮށްފައިވާ ގޮތުގައި 60 އަށް ވުރެ ގިނަ ގައުމުތަކުން ވަނީ ޗައިނާގެ ދެ ވެކްސިނުން ކުރެ ކޮންމެވެސް އެއް ވެކްސިނެއް ދޭން ހުއްދާދީފައެވެ. މެލޭޝިއާއިންވެސް ފައިޒާ ބިއޮންޓެކް އަދި އަސްޓްރަޒެނެކާގެ ވެކްސިން މަދު ބަޔަކަށް ދިނުމަށްފަހު ސިނޮވެކް ވެކްސިން ދޭން ފައްޓާފައެވެ. މިގޮތުން ވެކްސިންގެ އިތުބާރު ހުރިކަން އެންގުމަށްޓަކައި ފުރަތަމަ ސިނޮވެކް ވެކްސިން ޖެއްސެވީ މެލޭޝިއާގެ ސައިންސް މިނިސްޓަރު ޚައިރީ ޖަމާލުއްދީންގެ ގަޔަށެވެ.
އަދި ވެކްސިންގެ ފުރަތަމަ ޑޯޒު ޖެއްސެވުމަށްފަހު އެބޭފުޅާގެ އަމިއްލަ ޓްވިޓާގައި ޗައިނާ ބަހުން ލިޔެފައިވަނީ އެ ވެކްސިން ރަނގަޅުކަމަށާއި އިތުބާރުކުރެވޭކަމަށް އަދި އޭނަގެ ޗައިނާ ބަސްވެސް އިތުރަށް ރަނގަޅުވެއްޖެ ކަމުގައި ދެކޭކަމަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންގޕިން އަދިވެސް އާއްމުންނަށް ފެންނަގޮތަކަށް ވެކްސިން ޖައްސަވާފައެއް ނުވެއެވެ. ސިނޮފާމުން އަންގާ ގޮތުގައި އެގައުމުގެ އަހަރީ ލެޖިސްލޭޓިވް ސެޝަންގައި ބައިވެރިވެޑައިގަންނަވާ 5000 އިން އޮފިޝަލުން ވަނީ ވެކްސިން ޖައްސަވާފައެވެ.
ހޮންކޮންގގައި ސިނޮވެކް ދިނުމަށްފަހު 7 މީހުން މަރުވެ އަދި ފައިޒާ-ބިއޮންޓެކް ދިނުމަށްފަހު އެކަކު މަރުވުމުގެ ސަބަބުން ހޮންކޮންގުގައި ވަނީ ވެކްސިނަށް ކުރެވޭ އިތުބާރު ދަށްވެފައެއެވެ. ނަމަވެސް މި މަރުތަކަކީ ވެކްސިންގެ ސަބަބުންވި ކަމެއް ކަމުގައި ނިންމާފައެއް ނުވެއެވެ. އަދި ހޮންކޮންގުގައި ވަނީ ވެކްސިން ޖެހުމަށް އެންމެ އެދެވޭ ފަރާތްތަކުން ވެކްސިން ނުޖެހުމުގެ ސަބަބުން، އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ސިނޮވެކް ނުވަތަ ފައިޒާ-ބިއޮންޓެކް ވެކްސިނުން އެއް ވެކްސިން ޖެހުމަށް އަންގާފައެވެ. ސިންގަޕޫރުން ސިނޮވެކް ވެކްސިން ނުދޭން އުޅޭ އެއް ސަބަބަކީ މި ކަހަލަ ކަމެއް މެދުވެރިވެ ގައުމުގެ ބޯޑަރު ހުޅުވާލުން ލަސްވެދާނެތީ ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.
ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހެލްތުން އަންގާ ގޮތުގައި ސިނޮވެކް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ފެބްރުއަރީ 23 ގައި ލިބި އަދި އިތުރު ޑޭޓާތައް މިދިޔަ ހަފުތާގައި ސިނޮވެކްއިން ލިބިފައެވެ. ނަމަވެސް، އަދިވެސް އިތުރަށް ޑޭޓާތައް ބޭނުންވެ އެކަމަށް މަޑުކުރަމުންދާ ކަމުގައި އެފަރާތުން ބުންޔެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް