ކޮވިޑްގެ ބަލިމަޑު ކަމާއި ގުޅިގެން ދިވެހި ޕްރިމިއާ ލީގު މެދުކެނޑިފައި އޮތމައްފަހު އިއްޔެ ފެށި އިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މައްޗަށް އީގަަލްސް އިން ކުރި ހޯދިއިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މައްޗަށް ކުލަބް ގްރީންސްޓްރީޓްސް އިން ކުރި ހޯދައިފިއެވެ.
ދޮޅު މަހުގެ މެދުކެނޑުމަކަށްފަހު ދިވެހި ޕްރިމިއާ ލީގު އަލުން ފެށިއިރު ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ މައްޗަށް ކުލަބު ގްރީން ސްޓްރީޓްސް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު، ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހެއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ފެނިގެންގޮސްފައި ވަނީ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑު ގްރީންއަށް ކާމިޔާބުކޮށްދިނީ ހަސަން ނަޒީމް (ޗޯޓު) އެވެ.
މި މޮޅާއެކު ކުލަބް ގްރީންސްޓްރީޓްސް ވަނީ ތާވަލުގެ ހަތަރުވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެެވެ. އެގޮތުން ކުޅުނު ނުވަ މެޗުން ލިބުނު 14 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތްއިރު މެޗުން ބަލިވި ޔޫވީ އޮތީ ތާވަލުގެ ފުލުގައި ތިން ޕޮއިންޓާއެކު އެވެ.
އިއްޔެ ހަވީރު އީގަލްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އީގަލްއިންނެވެ.
މި މޮޅާއި އެކު ކުޅުނު ނުވަމެޗުން ލިބުނު 11 ޕޮއިންޓާއި އެކު އީގަލް ވަނީ ލީގުގެ ފަސްވަނަ މަޤާމަށް ޖެހިލާފައެވެ.
މި މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އީގަލްސްއަށް ލީޑު ނަގައިދިނީ އެ ޓީމާ އަލަށް ގުޅުނު ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިނެވެ. އޭގެ ތިން މިނެޓު ފަހުން ހަސަން ރާއިފް އަހުމަދު (ހަންނަ) ދިން ބޯޅައަކުން ވްލަޑިސްލާވް ވަނީ އިތުރު ގޯލެއް ޖަހާ އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ.
ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ ހޯމަދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ކުލަބް އީގަލްސް އެވެ. އަދި އެދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބް ވެލެންސިއާ އާއި ކުލަބް ގްރީންސްޓްރީޓްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް