ކޮންމެ ދުވަހަކީ ވެސް އުފާވެރި ދުވަހަކަށް ހަދަން ބޭނުންނަމަ ފަތިސް ނަމާދުން ދުވަސް ފައްޓާށެވެ.

ކޮންމެ ދުވަހެއްވެސް ކާމިޔާބު ކަމާއި އެކު ހިތްހަމަ ޖެހިގެން ފަށަން ބޭނުންނަމަ ފަތިސް ނަމާދުން ދުވަސް ފަށާށެވެ. ދުވަހުގެ ފެށުން ރަނގަޅުވެ އެމީހަކަށް ބަރަކާތް ލެއްވުމުގެ ސަބަބަކަށް އެކަން ވެގެން ދެއެވެ. ...

27 Mar 2021 | 02:20

ކޮންމެ ދުވަހެއްވެސް ކާމިޔާބު ކަމާއި އެކު ހިތްހަމަ ޖެހިގެން ފަށަން ބޭނުންނަމަ ފަތިސް ނަމާދުން ދުވަސް ފަށާށެވެ. ދުވަހުގެ ފެށުން ރަނގަޅުވެ އެމީހަކަށް ބަރަކާތް ލެއްވުމުގެ ސަބަބަކަށް އެކަން ވެގެން ދެއެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކުރާ މީހުންނަށް ގިނަ ގުނަ ޘަވާބާއި ދަރުމަ ލިބޭނޭކަމަށާއި އެ ނަމާދުގެ ފަހުގައިވާ ވަޤުތަކީ ބަރަކާތް ލައްވާފައިވާ ވަޤުތެއްކަން ޘާބިތުވެއެވެ.

އަދި އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރައްކާތެރިކަމުގައި ތިބޭމީހުންނެވެ. ކަންނެތްކަމުން ހަށިގަނޑު ސަލާމަތް ވެގެންވާ މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

“مَنْ صلَّى الصُّبْحَ فَهُوَ في ذِمَّةِ الله” (أخرجه مسلم)

“ފަތިސް ނަމާދު (ޖަމާޢަތުގައި) ކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ ވާހުށީ ﷲގެ ބެއްލެވުމުގެ ދަށުގައެވެ.”

އެހެންކަމުން ދުވަހުގެ ފެށުން ފަތިސްނަމާދުން ފަށައިފި މީހެއްގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު މަގުން ދިޔުމުގެ މަގުފަހިވެގެންދާނެކަން ޔަޤީނެވެ.

ދެވަނަ ކަމަކީ، ކުރާ ކޮންމެ ކަމެއްވެސް ބިސްމިގެ ބަރަކާތުން ފެށުމެވެ. އެހެނީ އެކަމެއް ފެށުމުގެ ކުރީން އެ އެދެވެނީ ޙާލިޤުވަންތަ އިލާހުގެ މަދަދުންކަމެވެ. އަދި ކުރަން އެއުޅޭ ކަމެއް ކުރުމުގެ ވާގިއަށް އެދޭ ޙާލުގައި ފެށުމުން އެކަމެއްގައި ބަރަކާތް ލައްވާނެއެވެ.

ދުވާލު ކުރާ ކޮންމެ ކަމަށްވެސް އެ ހޭދަވާ ވަޤުތުތަކުގައި މާތް ﷲ މަތީން ހަނދުމަކޮށް ޒިކުރުކޮށް ގިނަ ގިނައިން ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔަވާ ހެދުން ހިމެނެނީ ހުރިހާ ކަމެއްވެސް ކާމިޔާބު ވުމުގެ ސަބަބުތަކުގެ ތެރެއިންނެވެ. ލަވަ ޖެހުމާއި މިޔުޒިކް އަޑުއެހުން ފަދަ ކަންކަމުގެ ބަދަލުގައި ދީނީ ކަންކަމަށް އަހައްމިއްޔަތުކަން ދީގެން ކުރިޔަށްދާ ނަމަ، ތިމާކުރާ ހުރިހާކަމެއްގައި ވެސް ބަރަކާތް ލައްވާނެއެވެ.

އަނެއް ކަމަކީ ތިމާއާ ކުރިމަތިލާން ޖެހޭ މީހުންނާ ހިނިތުންވެ މުޙާތަބުކުރުމެވެ. މިކަމަށް ސަމާލުކަން ދިނުމުގެ ސަބަބުން ތިމާއަށާއި އެހެނިހެން ފަރާތްތަކުގެ މެދުގައި ޚާއްސަ ގުޅުމެއް އުފެދި ، އެ ގުޅުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އަޙޫވަންތަކަމުގެ ގުޅުން ދެމިގެންދާނެއެވެ. ނަތީޖާއަކީ ތިމާއަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ލިބިގެން  ދިޔުމެވެ.

ދެން އަނެއް މުހިންމު ކަމަކީ އަނެކާއަށް ހަސަދަ ނުލުމެވެ. ހަސަދަލައި އެހެން މީހުންނަށް ގެއްލުން ދިނުމުގެ ވިސްނުން ގެންގުޅޭނަމަ އެކަން މިހާރުން މިހާރަށް ދޫކޮށްލައްވާށެވެ. އަނެކާއަށް ޖެއްސުންކުރުމާއި، މަލާމާތް ކުރުމާއި ސިހުރާއި ހާހޫރަ އަދި ނެތި މޮށުމާއި ދޭތެރެ ޖެއްސުންފަދަ ކަންކަންކަން ދޫކޮށްލާށެވެ.

މި ދެންނެވި ކަންކަމަކީ ކޮންމެ ދުވަހަކުވެސް އުފަލާއި ހިތްހަމަ ޖެހުމާއި އެކު ދުވަސްހޭދަކުރަން ބޭނުންނަމަ ކޮންމެ ހެންވެސް ކުރުން މުހިންމު ކަންކަމެވެ. އޭރުން ތިބާއަށް ހޮތްހަމަ ޖެހުން ލިބިގެން ދާނެކަން ޔަޤީނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް