ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓު ކުރަމުން އައި އުސޫލަށް ބަދަލު ގެންނަން ޖެހިއްޖެ!

ކޯވިޑް-19 އަށް ޓެސްޓު ކުރަމުން އައި އުސޫލަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފި އެވެ. ޓެސްޓު ކުރާ އުސޫލަށް ބަދަލު ގެންނަން ޖެހުނީ ވައިރަހުގެ އެއްވެސް އަލާމާތ...

27 Mar 2020 | 18:11

ކޯވިޑް-19 އަށް ޓެސްޓު ކުރަމުން އައި އުސޫލަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފި އެވެ.

ޓެސްޓު ކުރާ އުސޫލަށް ބަދަލު ގެންނަން ޖެހުނީ ވައިރަހުގެ އެއްވެސް އަލާމާތެއް ނެތް ދެމީހަކު ރާއްޖެއިން ޕޮސިޓިވް ވުމުން ނެވެ. އެ ދެމީހުންނަކީ އައިލެންޑް ސަފާރީން ކަރަންޓީން ކުރި މީހުންގެ ތެރެއިން ކަރަންޓީންގެެ މުއްދަތު ހަމަވެގެން ފުރި ފަހުން މިއަދު ޕޮސިޓިވް ވި ކަން އެނުނު އިޓަލީގެ ދެ ޓޫރިސްޓުންނެވެ.

ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯވިޑް-19 އަށް ޓެސްޓު ކުރަމުންދާ އުސޫލުގެ ދަށުން މިހާތަނަށް ރާއްޖޭގައި ޓެސްޓުކޮށްފައިވާނީ ބަލީގެ އަލާމާތްތައް ފެންނަ މީހުން ކަމަށެވެ. އެއީ ރާއްޖެއަކީ ބަލި ފެތުރެމުންދާ ގައުމަކަށް އަދި ނުވާތީ ޕޮސިޓިވް މީހަކާ ގުޅުން ހުންނަ ކޮންމެ މީހަކު އަލާމަތެއް ފެންނަން ނެތިއްޔާ ޓެސްޓު ކުރަމުން ނުދާ ކަމަށާއި އުސޫލަކީވެސް އެއީ ކަމަށެވެ.

އެކަމަކު އިޓަލީ ދެ ޓޫރިސްޓުން ކަރަންޓީނުން ދޫކޮށްލި އިރު އެއްވެސް އަލާމާތެއް ފެންނަން ނެތަސް އެމީހުންގެ ޓެސްޓުގެ ނަތީޖާ ޕޮސިޓިވް ވުމުން ޓެސްޓު ކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް މައިމޫނާ ވިދާޅުވި އެވެ. މައިމޫނާ ވިދާޅުވީ އުސޫލުގެ ތެރެއިން އެމީހުންނަކީ ޓެސްޓު ކުރަން ޖެހޭ މީހުންނޫން ކަމަށެވެ

އަދި ވިދާޅުވީ ރާއްޖެއަށް މި ބައްޔާ ގުޅިގެން ކުރިމަތިލާން ޖެހޭ ކޮންމެ އާ ކަމަކާއި ގުޅޭގޮތުން މަޝްވަރާކޮށް އަމަލު ކުރަމުންދާ އުސޫލުތަކަށް ބަދަލު ގެންނާނެ ކަމަށެވެ. އެގޮތުން ކޯވިޑް-19 އަށް ޓެސްޓު ކުރުމުގައި ގެންގުޅެމުންދާ އުސޫލާއި ގުޅޭގޮތުން މަޝްވަރާ ފަށާފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި އެކަމަށް ގެންނާނެ ބަދަލެއް ކަނޑައެޅޭނެ ކަމަށް މައިމޫނާ ވިދާޅުވި އެވެ.

މިއަދު މެންދުރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އަލީ ލަތީފު ވިދާޅުވީ އެ ދެމީހުން ވައިރަހަށް ޓެސްޓު ކުރީ ކޯވިޑް-19 އާއި ގުޅޭގޮތުން ހަދަމުންދާ ދިރާސާއެއް ނުވަތަ ހާލަތަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް ކަމަށެވެ. އެ ސާމްޕަލްތައް ނެގުމުގެ ބޭނުނަމީ ކޮންޓެކްޓް ޓްރޭސިންގައި ފާހަގަ ކުރެވިގެން ކަރަންޓީން ކުރާ މީހުންގެ ތެރެއިން މުއްދަތު ހަމަވާއިރު ބަލީގެ އަލާމާތްތައް ނުހުންނަ މީހުންގެ ފަރާތުން ފެންނަކަންކަން ދެނެގަތުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް