ކޯވިޑް-19 ނުވަތަ ކޮރޯނާވައިރަސް އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އައްޑޫ ސިޓީގައި ގާޑިޔާތަކުގެ ހިދުމަތް ރޭގަނޑު ނުދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.
އެގޮތުން އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ޢާންމު ޙާލަތަށް ރުޖޫޢަވަންދެން މިއަދުންފެށިގެން ގާޑިޔާތަކުގެ ޚިދުމަތް ދޭންވާނީ ހެނދުނު 6.00އިން ހަވީރު 18.00އަށް ކަމަށެވެ.
ގާޑިޔާތަކުގެ ޚިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު ކަމަށާއި ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ،މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާކަމަށާއި ގާޑިޔާތަކުގައި ދެވޭނެ ޚިދުމަތަކީ ހަމައެކަނި ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން ކަމުގައިވެސް ބުނެފައިވެއެވެ.
ގާޑިޔާތައް ބަހައްޓާފައިވާ ސަރަޙައްދުގައި ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުން ޚިދުމަތްދިނުމަކީ މަނާކަމެއް ކަމަށާއި ގާޑިޔާ ތަކުގައި ދުފާ ތަކެތި، ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން ކަމަށްވެސް އައްޑޫ ސިޓީކައުންސިލުން އަންގާފައިވެއެވެ.
މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ގާޑިޔާ ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ހުއްދަ ބާޠިލްކޮށް ޤާނޫނު ނަމްބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށްވެސް އައްޑޫ ސިޓީކައުންސިލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް