ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިމިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަނެވެންދެން ރައްޔިތުން ދުވާލުގެ ވަގުތުތަކުގައި ވިޔަފާރިކޮށް ނިންމުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
އައްޑޫ ސިޓީކައުންސިލުން މި އިލްތިމާސް ކޮށްފައިވަނީ ފިހާރަތަކާއި އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު ބަންދުކުރުމަށް ކުރިން އެ ކައުންސިލުން ކުރި އިއުލާނު ބާތިލުކޮށް މިއަދު ނެރެނު އިއުލާނެއްގައެވެ.
މިއަދުގެ އިއުލާނުގައި ބުނެފައިވަނީ މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ރައްޔިތުން މިބަލިން ރައްކާތެރިކޮށް، ބަލި އައްޑޫސިޓީއަށް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް އައްޑޫސިޓީ ކައުންސިލާއި ކަމާބެހޭ ހުރިހާ މުވައްސަސާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
"މިގޮތުން ކައުންސިލްގެ ނަންބަރު (IUL)426-CA/426/2020/134 (25 މާރިޗު 2020) 'އާންމު ޚިދުމަތްދޭ ތަންތަނުންޚިދުމަތްދޭނެ ގަޑިތައް ކަނޑައެޅުމާ ގުޅޭ' ޢިއުލާން ކޮށްފައިވަނީ އެޗް.ޕީ.އޭ އިން އެކުލަވާލާފައިވާ އައްޑޫސިޓީގެ ކޮވިޑް 19 ޓާސްކް ފޯސް އިން ނިންމެވި ނިންމެވުންތައް ތަންފީޒުކުރުމަށެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އިސްވެ ދެންނެވި އިޢުލާނާއި ގުޅިގެން އައްޑޫސިޓީގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން އެކަމަށް އިޖާބަދެއްވައި އެގޮތުގެ މަތިން ޢަމަލުކުރައްވާފައިވާތީ ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވާކަމަށާއި ނަމަވެސް ގްރޭޓަރ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި މިފަދަ ފިޔަވަޅެއް އަޅާނެފަދަ ޙާލަތެއް އޮތްކަމަށް އެޗް.ޕީ.އޭއިން ނުދެކޭތީ އައްޑޫސިޓީ ކައުންސިލްގެ (IUL)426-CA/426/2020/134 (25 މާރިޗު 2020) ނަންބަރު އިޢުލާން ބާޠިލުކުރީ ކަމަށްވެސް މިއަދުގެ އިއުލާނުގައި ބުނެފައިވެއެވެ.
މިއަދުގެ އިއުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އާންމު ޙާލަތަށް ރުޖޫޢަ ވަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޞިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި ޢާންމު ޚިދުމަތްދޭ ތަންތަނުން (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން) ޚިދުމަތް ދިނުމުގައި ހެނދުނު 06:00 އިން 18:00 އާއި ދެމެދު ޚިދުމަތް ދިނުމަށް އިސްކަން ދިނުމަކީ ކައުންސިލްގެ އިލްތިމާސެކެވެ. އަދި ރައްޔިތުން ދުވާލުގެވަގުތުގައި ވިޔަފާރިކޮށް ނިންމުމަކީވެސް ކައުންސިލްގެ އިލްތިމާސެއް ކަމަށެވެ.
އިތުރަށް ބުނެފައިވަނީ ކައުންސިލުން އަބަދުވެސް މަސައްކަތްކުރަމުންގެންދާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތައް ތަންފީޒުކުރުމަށް ކަމުގައި ދަންނަވަމެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިގޮތުގެ މަތިން ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ދެމިތިބޭނެ ވާހަކަ ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް