ރާއްޖޭގައި ކަރަންޓީނުގެ މުއްދަތު ހަމަކޮށް އިޓަލީއަށް އަނބުރާދިޔަ ދެ ޓޫރިސްޓަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑރ. އަލީ ލަތީފް ވިދާޅުވީ 14 ދުވަހުގެ ކަރަންޓީނު ހަމަކޮށް އިޓަލީއަށް ދިޔަ ދެ ޓޫރިސްޓުން ބައްޔަށް ޕޮސިޓިވްވެފައިވާކަން އެނގުނީ މިއަދު ކަމަށެވެ. އެ ދެ މީހުން ބައްޔަށް ޕޮސިޓިވްކަން އެނގުނީ އާންމު އުސޫލުން ރާއްޖެއިން ބައްޔާ ގުޅޭގޮތުން ކުރަމުންދާ ދިރާސާއަކަށް މައުލޫމާތު ނެގުމުގެ ގޮތުން ކުރި ޓެސްޓަކުން ކަމަށެވެ.
ޑރ. ލަތީފް ވިދާޅުވީ އެ ދެމީހުންނަކީ ކަރަންޓީން ކުރި ސަފާރީއެއްގައި ތިބި ބައެެކެވެ. އެކަމަކު އެއީ ކޮން ސަފާރީއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސަފާރީއަކުން ބައްޔަށް ޕޮސިޓިވްވެފައިވަނީ އައިލެންޑް ސަފާރީގައި ތިބި ދެ ޓޫރިސްޓެކެވެ. އެމީހުން ޕޮސިޓިވްވުމުން އެޗްޕީއޭއިން ވަނީ އެ ސަފާރީގައި ތިބި އެންމެން ކަރަންޓިން ކޮށްފައި އެވެ.
އެ އެންމެންނާއި އެކު އައިލެންޑް ސަފާރީ ކަރަންޓީން ކޮށްފައި އޮތީ ކ. ވިލިވަރު ކަރަންޓީން ފެސިލިޓީގައި އެވެ.
މީގެ އިތުރުން ތިން ސަފީރީއެއް މޮނިޓަރިންގެ ހާލަތަށް ގެނައެވެ. އެކަމަކު އެ ސަފާރީތަކުން ބައްޔަށް ޓެސްޓު ކުރި މީހުން ނެގެޓިވްވެފައިވާތީ ސަފާރީތައް ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައި އެވެ.
މިހާތަނަށް ރާއްޖެއިން14 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ13 ބިދޭސީންނާއި އެއް ދިވެއްސެކެވެ. އޭގެތެރެއިން މިހާރު ބައްޔަށް ފަރުވާދެނީ ހަތަރު ބިދޭސިންނަށާއި ދިވެހި މީހާ އަށެވެ.
އަނެއް 10 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް