އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އޭނާ ރާއްޖެ އައީ މިމަހުގެ22 ވަނަ ދުވަހުގެ އެވެ. އެމީހާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ފެށީ މިމަހުގެ25 ވަނަ ދުވަހު ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޭނާ ވައިރަހަށް ޓެސްޓުކޮށް ޕޮސިޓިވްކަން އެނގުނީ މިއަދު ކަމަށެވެ. އެކަމަކު އޭނާގެ ފަރާތުން ބަލީގެ މާބޮޑު އަލާމާތެއް ނުފެންނަ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އެއީ އުމުރުން38 އަހަރުުގެ މީހެކެވެ. އެމީހާ ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި އެވެ. އެމީހާ ހުރީ ވަކިން ކޮޓަރިއެއްގައި އެވެ.
މިނިސްޓަރު ވިދާޅުވީ ޕޮސިޓިވްވުމާއި ގުޅިގެން އޭނާ އާއި މުއާމަލާތް ކުރެވިފައި ހުރި މީހުންނާއި އެއާޕޯޓުން ބައްދަލުވި މީހުންނާއި ލޯންޗުގައި ދަތުރު ކުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަމީން ވިދާޅުވީ ރާއްޖެ އަންނަ އެންމެން ކަރަންޓީން ކުރަން ނިންމުމަކީ އެޅިފައިވާ ރަނގަޅު ފިޔަވަޅެކެވެ.
އައިޖީއެމްއެޗުގެ ޑޮކްޓަރު އަލީ ލަތީފު ވިދާޅުވީ އެމީހާ ރާއްޖެ އައި ދުވަހުން ފެށިގެން ހުރީ ކަރަންޓީން ފެސިލިޓީގައި ކަމުން ބަލި އާންމުކޮށް ފެތުރުމުގެ ފުރުސަތު އަދިވެސް ނެތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިހާރު ބަލި ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޑރ. ލަތީފް ވިދާޅުވި އެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމަކުން ވަނީ ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވާ އެންމެން14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައި އެވެ. އެގޮތުން އިއްޔެ ނިޔަލަށް އެކި ކަރަންޓީން ފެސިލިޓީތަކުގައި737 މީހަކު އެބަތި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދެ އެވެ.
އޭގެ ތެރޭގައި ގިނައީ ރާއްޖެއިން ބޭރުން އައި ދިވެހިންނެވެ.
މިހާރު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދަކީ14 އެވެ. އޭގެ ތެރެއިން ފަރުވާދެމުން ދަނީ މިއަދު ޕޮސިޓިވްވި ދިވެހި މީހާ އާއި އެކު ފަސް މީހުންނަށެވެ. އެހެން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް