ފިލިޕިންސްގައި ސިއްހީ ދާއިރާއިން ކިޔަވަމުންދާ 47 ދަރިވަރަކު މިރޭ ރާއްޖެ އަންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
އެ ކުދިން ރާއްޖެ ގެންނަނީ ސަރުކާރު ހަރަދުގައި އެވެ. އެއީ އެ ދަރިވަރުން ރާއްޖެ އައިސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހު ކޯވިޑް-19 އާއި ދެކޮޅަށް އެޗްޕީއޭއިން ކުރަމުންދާ މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރަން ނުކުންނަގޮތަށް ހަމަޖެހިފައިވާތީ އެވެ.
އެ ދަރިވަރުން އިއްޔެ ފިޕިލިންސްއިން ފުރާފައިވާއިރު ރާއްޖެ އަންނަނީ ގަތަރު މަގުންނެވެ. އަދި އެ ކުދިންގެ ދަތުރުގެ ހުރިހާ ކަމަކާއި އެއްވެސް މައްސަލައެއް ދިމާވޭތޯ ފޮރިން މިނިސްޓްރީން ދަނީ ބަލަމުންނެވެ.
މިދިޔަ ހަފްތާގައި ވަނީ ނޭޕާލްގައި ތިބި ސިއްހީ ދާއިރާއިން ކިޔަވާ35 ދަރިވަރަކުވެސް ސަރުކާރު ހަރަދުގައި ރާއްޖެ ގެނެސްފައި އެވެ. އޭގެ ދެވަނަ ގްރޫޕު ނޭޕާލުން ގެންނަން ހަމަޖެހިފައި އޮއްވަ ނޭޕާލްގެ ބޯޑަރު ބަންދު ކުރުމުން އެ ކުދިން ތިބީ ނޭޕާލްގައި ތާށިވެފައި އެވެ.
ނޭޕާލްގައި މިހާރު ތާށިވެފައި ތިބި ދަރިވަރުން އަންނަން އޮތް ފްލައިޓު ކެންސަލް ވިކަން އެނގުނީ އެއާޕޯޓަށް ދިޔަ ފަހުންނެވެ. ނޭޕާލްގެ ހުރިހާ ބޯޑަރެއް ބަންދު ކުރީ ހަމަ އެދުވަހު އެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ކުންދިން އަނބުރާ ރާއްޖެ ގެނެވޭނީ އެ ގައުމުގެ ބޯޑަރު ހުޅުވުމުން ކަމަށެވެ.
އެކަމަކު މިނިސްޓްރީން ދަނީ އެ ދަރިވަރުންގެ ހާލަތު ގާތުން ބަލަމުން ކަމަށް ބުނެފައިވެ އެވެ.
ރާއްޖެއިން ބޭރުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން ހިލޭ ސާބަހަށް ރާއްޖޭގައި މަސައްކަތް ކޮށްދޭން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީވުމަށް އަދިވެސް އޮތީ ފުރުސަތު ހުޅުވާލާފައި އެވެ. އެޗްޕީއޭއިން ބުނީ ގިނަ އަދަދެއްގެ ކަރަންޓީން ފެސިލިޓީތައް ގާއިމްކުރަމުންދާތީ އެތަންތަނަށް ސިއްހީ އެހީތެރިން ބޭނުންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް