ޖަމިއްޔަތުއް ސަލަފުން އިސްނައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.
އެ ޖަމިއްޔާއިން ވަނީ ތަފާތު ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމިއްޔާގެ ތެރެއިން ސަލަފް އެއިޑްގެ ނަމުގައި ގްރޫޕެއް އުފައްދާފައި އެވެ. މިފަދަ ހަރަކާތްތައް އިންތިޒާމު ކުރާނީ ސަލަފް އެއިޑުގެ ފަރާތުންނެވެ.
ނެޝަލަން ތެލަސީމިއާ ސެންޓަރުގައި ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ ޖަމިއްޔާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އިލްމުވެރިންނާއި ސަލަފް އެއިޑްގައި ބައިވެރިވާ ވޮލެންޓިއަރުންނާއި އާންމު މެންބަރުން ލޭ ހަދިޔާ ކުރެއްވި އެވެ.
އެ ޖަމިއްޔާއިން ބުނީ ލޭ ހަދިޔާ ކުރުމުގެ މި ޕްރަގްރާމަކީ ލޭ ހޯދުމަށް ދަތިވެ އެހީތެރިކަމަށް އެދުމުން އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރަގްރާމެއް ކަމަށެވެ. އަދި ކުރިޔަށް އޮތްތާވެސް ދީނީ، އިޖްތިމާއީ މިފަދަ ކޮންމެ ކަމެއްގައި ސަލަފުން އެހީތެރިކަން ފޯރުކޮށްދެވެން އޮތް އެންމެ މަތީ ދަރަޖައެއްގައި ފޯރުކޮށްދޭނެ ކަމަށެވެ.
ސަލަފް އެއިޑުން އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔަ މިފަދަ ހަރަކާތަކީ މާލެއަށް ދިމާވި ފެނުގެ ހާދިސާގައި ރާއްޖެއިން ބޭރުން ގެންނަ ފެން ތަންތަނަށް ގެންދިއުމުގައި ކަމާ ބެހޭ އިދާރާތަކާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރުމެވެ. އޭގެ ފަހުން އެ ޖަމިއްޔާއިން ވަނީ ރޯދަ މަހު ތަނަވަސްކަން ނެތް މީހުންނަށް ރޯދަ ވީއްލުމާއި ކާބޯތަކެތި ފޯރުކޮށްދީފަ އެވެ.
ތެލަސީމިއާ ސެންޓަރުން ބުނެފައިވަނީ ލޭ އަޅާ ކުދިންނަށް ލޭ ލިބުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން މިކަން ދިމާވީ ކޯވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން މުވައްޒަފުންނަށް ރިސޯޓުތަކުން ފޭބުން މަނާ ކުރުމުން ކަމަށެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވަރަށް ގިނައިން ލޭ ހަދިޔާ ކުރާ ބައެކެވެ. އަދި ވަރަށް ގިނަ ރިސޯޓުތަކުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް