ކޯވިޑް-19: ފައްސިވި އަދަދު ފަސް ލައްކައިން މައްޗަށް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވޫހާން ސިޓީން ފެނި، މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19 ނުވަތަ ކޮރޯނާވައިރަހަށް ފައްސިވި އަދަދު ފަސް ލައްކައަށް އަރައިފިއެވެ. މިގ...

26 Mar 2020 | 20:33

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވޫހާން ސިޓީން ފެނި، މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19 ނުވަތަ ކޮރޯނާވައިރަހަށް ފައްސިވި އަދަދު ފަސް ލައްކައަށް އަރައިފިއެވެ.

މިގޮތުން ކޯވިޑް-19ގެ ތަފާސްހިސާބުތައް ގެނެސްދޭ ވޯލްޑޯމީޓަރ ގައި ބުނެފައިވާގޮތުގައި މި އަދަދު މިހާރު ވަނީ ފަސް ލައްކަ 24 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. އެ ތަފާސްހިސާބަށް ބަލާއިރު މި ވައިރަހުގައި ދުނިޔެއިން މަރުވި އަދަދު މިހާރު މިވަނީ 34 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. ބަލިން ފަސޭހަވި އަދަދު އުޅެނީ އެއްލައްކަ 23 ހާހަށްވުރެ މަތީގައެވެ.

މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމުކަމަށްވާ ޗައިނާގައި މި ވައިރަސް މިހާރު ކޮންޓްރޯލްކޮށްފައިވީނަމަވެސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި މި ވައިރަސް އަންނަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެގޮތުން އެންމެ ބޮޑަށް މި ވައިރަސް ފެތުރޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިޓަލީ، އެމެރިކާ އަދި ސްޕެއިން އެވެ.

އިޓަލީގައި މި ވައިރަހަށް މިހާތަނަށް 80 ހާހަށްވުރެ ގިނަ މީހުން ފައްސިވެފައިވާއިރު އަށް ހާސް މީހަކު މި ވައިރަހުގައި އިޓަލީން މަރުވެފައިވެއެވެ. އެމެރިކާގައި މި ވައިރަހަށް 80 ހާސް މީހުން ފައްސިވެފައިވާއިރު ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ސްޕެއިންގައި 56 ހާހަށްވުރެ ގިނަ މީހުން މި ވައިރަހަށް ފައްސިވެފައިވާއިރު ހަތަރުހާހަށްވުރެ ގިނަ މީހުން މި ވައިރަހުގައި ސްޕެއިން އިން މަރުވެފައިވެއެވެ.

ނުރައްކާތެރި އާލަމީ މި ވަބާ ރާއްޖެއިންވެސް ވަނީ ފެނިފައެވެ. ރާއްޖެއިން މި ވައިރަށް 13 މީހަކު ފައްސިވެފައިވާއިރު ނުވަ މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް