އަޅުގަނޑުމެންގެ މި ކުޑަކުޑަ ގައުމު އިސްލާހު ކުރުމަށް ގިނަ މަސައްކަތް ތަކެއް މެދު ނުކެނޑި ކުރެވެމުންދެއެވެ. ދީނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް މެއެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެކަށީގެންވާ ނަތީޖާއެއް ފެނިގެން ނުދެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި ގައުމު އިސްލާހުވުމުގެ ބަދަލުގައި ކަންކަންދަނީ ދުވަހަކައްވުރެ ދުވަހެއް ގޯސްވަމުންނެވެ.
ދަންނަން ޖެހޭ ހަގީގަތަކީ ޤައުމު އިޞްލާޙުވުން އޮތީ އަޅުގަނޑުމެނެގެ ނަފްސުތައް އިޞްލާޙުވެގެންނެވެ. ޤައުމު އިސްލާހުކުރަން ބޭނުން ނަމަ އިސްލާމް ދީނުގެ ހިޔަލުގައި ތިބެގެން ޤައުމު އިޞްލާޙުކުރަން ނިކުތުން އެއީ އޭގެ ހައްލުކަމުގައި ދެކެމެވެ. މިއަދު އަޅުގަނޑުމެން އެންމެންނައްވެސް މި ގައުމު ސިފަކުރެވެނީ އެއްވެސް އަމާންކަމެއް ނެތް ބިރުވެރި ތަނެއްގެ ގޮތުގައެވެ. މުޖުތަމައުން ފާޅުވަމުން މިދާ ކަންކަމާއި ފެންނަމުން މިދާ މަންޒަރުތަކުން އެކަން ހާމަވެއެވެ.
މާތްވެގެންވާ އިސްލާމް ދީނާއި އެދީނުގެ ރީތި އަޚްލާޤާއި، އާދަ ކާދަތައް މިވަނީ ހީނުކުރާހާ ބޮޑަށް ގޯސްވެފައެވެ. ޤައުުގައި ހިނގާ އެކި ބާވަތް ބާވަތުގެ ނޭއްގާނީ ކަންކަމާއި، މީސްތަކުންގެ ހައްޤުތަކަށް އަރައިގަތުނަފަދަ ކަންކަން މިއަދު މިވަނީ އާންމުކަމަކަށް ވެފައެވެ. މިފަދަ ކަންކަން އިސްލާހު ނުކޮށް ޤަުމު އަމާން ބަދަރަކަށް ގެންދިއުމަކީ ވާނެ ކަމެއް ނޫނެވެ.
އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހިތްތައް ހިދާޔަތުގެ ނޫރުން މާތް ﷲ އަލިކޮށް ދެއްވީއްސުރެން މިތިބީ، އެކަލާނގެ ރަހްމަތްފުޅާއެކު އިސްލާމްދީނުގެ މަތީގައެވެ. އޭރުއްސުރެ ދިވެހި ގައުމުގެ ފަރުދުން ޙިއްސާކުރަމުން މިދަނީ އެއްދީނެކެވެ. އެހެންކަމުން މި މާތްދީނުގެ ހިޔަލުގައި ތިބެގެން ޤައުމު އިސްލާހު ކުރުމާއި މެދު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ދެކެމެވެ.
އެއްވެސް މުޖުތަމަޢެއް އަދި އެއްވެސް ރަށެއް އޭގެ ޒާތުގައި ގޯސްވެގެން ނުދާނެއެވެ. ގޯސްވާނީ އެގައުމަކަށް ނިސްބަތްވާ ނުވަތަ އެރަށެއްގައި އުޅޭ އިންސާނުން ކޮށްއުޅޭ ވިޔާނުދާ އެންމެހާ ކަންތައްތަކުންނެވެ. އެކަންތައްތަކުގެ ނަތީޖާއިން ކުރާއަސަރަކުން ހިތްގައިމުކަން ނުވަތަ ހިތްދަތިކަން އެންމެންނަށް އިޙުސާސް ކުރަންޖެހެއެވެ.
ކަންމިހެން އޮތްއިރު، މިފަދަ ނޭންގާނީ އަމަލުތައް އިސްލާހުކޮށް އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތައް އިސްލާހުކުރުން ނޫންގޮތެއް މިއަދު ނެތެވެ. ގައުމު އިސްލާހުކުރެވޭނީ އަޅުގަނޑުމެެންގެ ނަފުސުތައް އިސްލާހުކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް