އިއްޔެގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 30 މީހަކު ދޫކޮށްލައިފިއެވެ. ފުލުހުން ބުނެފައި ވަނީ، މި މީހުން ދޫކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެމީހުންގެ ތެރެއިން ތިން މީހެއް ފިޔަވައި އެހެން އެންމެން ދޫކޮށްލާފައި ވަނީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުުގެ ސަބަބުން ޖޫރިމަނާ ކުރުމަށްފަހުގައި ކަމަށް ފުލުހުން ބުނެއެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއިން ކޯލިޝަންގެ ރައީސް އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް ގައްސާން މައުމޫން އާއި އެކު އެތައް ބަޔަކު ހައްޔަރު ކޮށްފި އެވެ.
އެގޮތުން ފުލުހުން ބުނީ އިއްޔެގެ މުޒާހަރާއިން އޭރުވެސް 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ދެ މީހަކު ހައްޔަރުކުރީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އަދި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ކުރިއަށް ގެންދަން މަސައްކަތްކުރާ އެއްވުމެއް ބޭއްވިޔަ ނުދިނުމުގެ ބޭނުމުގަަ އެވެ.
ހައްޔަރުކޮށްފައިވާ އިދިކޮޅުގެ އިސް ބޭފުޅުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ޑީއާރްޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ހިމެނެ އެވެ. އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲގެ އިިތުރުން ޕީޕީއެމް އާއި ޕީއެންސީގެ ބައެއް ކައުންސިލް މެމްބަރުންނާއި އާންމު މެމްބަރުން ހިމެނެ އެވެ.
ފުލުހުން ވަނީ އިއްޔެ އިދިކޮޅުން ކުރަން ރާވާފައިވާ މުޒާހަރާއަކީ ގާނޫނާއި ހިލާފު މުޒާހާރާއެއް ކަމަށް ބުނެފައި އެވެ. އަދި އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް އެއްވުންތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ނުދެނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް