މައްސަލަ ހައްލުވަންދެން ވިސާ ކިއު ނަންބަރު، ފޯނު މެދުވެރިކޮށް ދޫކުރަން ހައިކޮމިޝަނުން ނިންމައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ބުުނެފައި ވަނީ، 7563947 މި ނަންބަރު މެދުވެރިކޮށް މިހާރު ވިސާ ކިއު ނަންބަރަށް އެދެވޭނެ ކަމަށެވެ.
ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ދެމެދު، ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:30 އާއި ދެމެދު މި ނަންބަރު މެދުވެރިކޮށް ޚިދުމަތް ލިބޭނެއެވެ.
ޓޯކަން ހޯދަން ހައިކޮމިޝަނަށް ދިޔަ ނަމަވެސް މިހާރު އެގޮތަށް ޓޯކަން ދޫ ނުކުރާނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ. އެހެންކަމުން މިހާރު އެ ޚިދުމަތް ހޯދަން ޖެހޭނީ އޮންލައިންކޮށެވެ.
ހައިކޮމިޝަނުން ބުނެފައި ވަނީ، މިގޮތަށް ޓޯކަން ދޫކުރާނީ، މައްސަލަ ހައްލުވަންދެން ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅަން ހައިކޮމިޝަނަށް ދާނީ، ކަނޑައެޅިފައިވާ ވަގުތެއްގައި، ހުރިހާ ލިޔެކިޔުމެއް ހަމަޔަށް ހިފައިގެނން ކަމަށް ކޮމިޝަނުން އެދެއެވެ.
ވިސާ އަށް އެދި ފޯމު ހުށަހެޅުމަށް ދޫކުރާ ނަމްބަރު ސިސްޓަމަށް މައްސަލައެއް ދިމާވުމާއި ގުޅިގެން އިންޑިއާއަށް ބޭސްފަރުވާ ދާން ބޭނުންވާ ދިވެހިން މެޑިކަލް ވިސާއަށް އެދި ފޯމު ހުށަހެޅުމަށް ނަމްބަރު ހޯދުމަށް ކިޔޫގައި އެތައް އިރަކު މަޑުކުރަން ޖެހޭކަމުގެ ޝަކުވާ ބޮޑުވެފައި ވެއެވެ. މި ޝަކުވާތަކާއި އެކު އިންޑިއާ ހައި ކޮމިޝަން ކުރިމަތީގައި ބަޔަކު ކިޔޫ ހަދައިގެން އިށީނދެ ތިބި ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދު ކުރުމާއި އެކު ދިވެހިންނަށް ބޭސްފަރުވާއަށް އެ ގައުމަ ދިޔުމަށް ހުރަސް އެޅި ވަރަށް ގިނަ ދަތިތަކާއި ދިވެހިން ކުރިމަތިލާން ޖެހުނެވެ. އެކަމަށް ހައްލެއް ލިބިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ހާއްސަ ހުއްދައެއްގެ ދަށުން ދިވެހިންނަށް އިންޑިއާއަށް ބޭހަށް ދެވޭނެ ގޮތް އެ ގައުމުން ހަމަޖައްސައި ދިނުމުންނެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 5،000 އަށްވުރެ ގިނަ މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު އެކަނި 2،000 އަށްވުރެ ގިނަ މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް