މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނީ މި ދިޔަ މަހު އެ މިނިސްޓްރީއަށް ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ އެކި ބާވަތުގެ 121 މައްސަލަ މިދިޔަ މަގު ރިޕޯޓްކުރި ކަމަށެވެ.
އޭގެ ތެރެއިން ޖިންސީ ގޯނާގެ 48 މައްސަލަ ރިޕޯޓްކޮށްފައިވާ ކަަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ 43 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ނުވަ މައްސަލަ، ގަނާ އަދި ފުރައްސާރަކުރުމުގެ ހަތަރު މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ދެ މައްސަލަ ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.
ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 16 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 11 މައްސަލަ، ވެކްސިން ނުދިނުމުގެ ތިން މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ ތިން މައްސަލަ ހިމެނެއެވެ.
ޢާއިލީ 23 މައްސަލަ މިނިސްޓްރީއަށް ހުށަހަޅައިފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 11 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ ހަ މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ ހަ މައްސަލަ ހިމެނެއެވެ.
އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަތަރު މައްސަލަ މހުށަހަޅައިފައިވެއެވެ. އަދި ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި ނުވަ މައްސަލަ ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ތިން މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ ތިން މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 34 މައްސަލަ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެ ގޮތުން މި ބާވަތުގެ 13 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ އަށް މައްސަލަ، ޖިންސީ އަނިޔާކުރުމުގެ ހަ މައްސަލަ، ރޭޕްކުރުމުގެ ތިން މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ދެ މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ އެއް މައްސަލަ އަދި އިހުމާލުވުމުގެ އެއް މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 30 މައްސަލަ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ނުވަ މައްސަލައެވެ.
އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ހަ މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް