އެމްޓީސީސީ އިން ދިވެހިންނަށް ހާއްސަ 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނިން ޕްރޮޖެކްޓުތައް ކުރިއަށްގެންދާ ރަށްރަށުގައި މަސައްކަތްކުރާނެ ސްކިލްޑް އަދި އަން ސްކިލްޑް މުވައްޒަފުން ބޭނުންވާ ކަމަށެވެ.އެގޮތުން ޑްރައިވަރުންނާއި ސުޕަވައިޒަރުން، ވެލްޑަރުން، އެސްކެވޭޓާ ޑްރައިވަރުން އަދި ކައްކާއިންނާއި ކައްކާއިންގެ އެހީތެރިންގެ އިތުރުން ލޭބަރުންގެ ވަޒީފާއަށް މީހުން ބޭނުންވާކަމަށެވެ. އާޒިމް ވިދާޅުވީ ވަޒީފާ ދިނުމުގައި ބޮޑަށް ޓާގެޓް ކުރަނީ ދިވެހިންނަށް ކަމަށާއި، ވަޒީފާ ބޭނުންވެފައި ތިބި ދިވެހިން ވަޒީފާތަކަށް ކުރިމަތިލާ ރަނގަޅު ހިދުމަތެއް ކޮށްދިނުމަކީ ވަރަށް ބޮޑަށް އެދޭކަމެއްކަމަށެވެ.
އާޒިމް ވިދާޅުވީ އެކުންފުނިން ޕްރޮޖެކްޓުތައް ހިންގާ ރަށްރަށުގައި ވަޒީފާތައް އުފެއްދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން އަންނަ މަހު މަސައްކަތަށް މޮބިލައިޒްވާ 10 ރަށެއް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެ ރަށްތަކަކީ:
އއ. ރަސްދޫ، ހދ. ނެއްލައިދޫ، ގދ. ތިނަދޫ، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ނ. މިލަންދޫ، ވ. ރަކީދޫ، ލ. މާވަށް އަދި ފުވައްމުލައް ސިޓީ އެވެ.
އާޒިމް ވިދަޅުވީ މި ހުރިހާ ރަށަކަށްވެސް ސުޕަވައިޒަރުންނާއި އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރާނެ މީހުން އަދި އިންވެންޓްރީ ބަލަހައްޓާނެ މީހުން ބޭނުންވާ ކަމަށެވެ. ކޮންމެ ރަށެއްގައި 10 އާއި 13 އާއި ދެމެދުގެ އަދަދަކަށް ވަޒީފާ އުފަށްދާ، އެރަށެއްގެ ބޮޑުމިނާ ޕްރޮޖެކްޓުގެ ބޮޑުމިނަށް ބަލާފައި މިހާރުން މިހާރަށްވެސް ވަޒީފާ އުފައްދަން ބޭނުންވާކަމަށް އާޒިމްވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ މީގެ ތެރެއިން ބައެއް ވަޒީފާތަކަށް މީހުން ހޯދަން މިހާރުވެސް އިއުލާނު ކޮށްފައިވާ ކަމަށާއި އިއުލާނު ނުކޮށް ހުރި ރަށްތަކުގައި ކައުންސިލްތައް މެދުވެރިވެގެން ވަޒީފާތަކަށް އިއުލާނު ކުރާނެ ކަމަށެވެ. އާޒިމް އިތުރަށް ވިދާޅުވީ މީގެ ތެރެއިން ބައެއް ވަޒީފާތަކަށް މީހުން ހޯދަން މިހާރުވެސް އިއުލާނު ކޮށްފައިވާ ކަމަށާއި އިއުލާނު ނުކޮށް ހުރި ރަށްތަކުގައި ކައުންސިލްތައް މެދުވެރިވެގެން ވަޒީފާތަކަށް އިއުލާނު ކުރާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ އެމްޓީސީގެ މަގުސަދަކީ މިހާރު އެކުންފުނީގެ ވަޒީފާތަކުގައި ތިބި ބިދޭސިންގެ އަދަދު މަދުކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އެކުންފުނީގެ މުވައްޒަފުންގެ 50 ޕަސެންޓަކީ ބިދޭސީން ކަމަށް އެމްޓީސީސީ އިން ބުންޏެވެ.މި ވަޒީފާތަކަށް ކުރިމަތިލާ މީހުންނަށް ދޭންޖެހޭ ތަމްރީނުތައްވެސް އެމްޓީސީސީ އިން ދޭނެ ކަމަށާއި ޕްރޮޖެކްޓު ނިމުމުން މުވައްޒަފު ބޭނުންނަމަ އެ ކުންފުނީގެ އެހެން ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ހުރިހާ ބޭފުޅުންވެސް ވީހާވެސް އަވަހަކަށް އެމްޓީސީސީ އަށް އެޕްލިކޭޝަންތައް ފޮނުވާ، ވަޒީފާތަކަށް ނިކުތުމަށް ތައްޔާރުވާން އެދޭކަމަށް އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިތުރު 150 ވަޒީފާ އަށް އިއުލާނު ކުރާނެ ކަމަށެވެ.
"އޭގެ މާނައަކީ އެމްޓީސީސީގައި މިވަގުތު ތިބި 1،800 މުވައްޒަފުންގެ އިތުރަށް އަޅުގަނޑުމެން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެރަށުން ވަޒީފާ އުފައްދާނަން. އެގޮތުން ކުރިއަށް އޮތް ތިނެއް ނޫނީ ހަ މަސް ތެރޭ 350 އެއްހައި ވަޒީފާ އުފައްދަމުން ދާނެ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމްޓީސީސީ އިން 49 ޕްރޮޖެކްޓެއް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 10 ނޫނީ 11 ޕްރޮޖެކްޓެއް އަންނަ މަހު ފަށާނެ ކަމަށާއި މާޗު މަސް ތެރޭ 47 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
"ނުފެށި ހުރި މަސައްކަތްތަކަކީ އީއައިއޭގެ މަސައްކަތް ނުނިމި ހުރި މަސައްކަތްތައް. އީއައިއޭ ނިމުމާއެކު އެއްވެސް ޕްރޮޖެކްޓެއް ލަސްނުކޮށް މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދަނީ،" އާޒިމް ވިދާޅުވިއެވެ.
އޭނާވިދާޅުވީ ކުންފުނީގެ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، އެގޮތުން އިކުއިޕް،މްޓުތައް ހަލާކުވުމާއި ބާވެފައި ހުރުން އަދި އާ އިކުއިޕްމެންޓު ހޯދަންޖެހުން ފަދަ މައްސަލަތައް އެބަހުރިކަން އާޒިމް ފާހަގަ ކުރެއްވިއެވެ.
"ކުރިއަށް އޮތް ތިނެއް ނޫނީ ހަ މަސްތެރޭ ފައިނޭންޝަލީ ވެސް އަދި މަސައްކަތުގެ ސްކޯޕުގައި ވެސް ތަފާތު ދައްކާނަން،" ކުންފުނީގެ ހިއްސާދާރުންގެ މާޔޫސްކަން ފިލުވައިދޭނެކަމުގެ ޔަގީންކަން އަރުވަމުން އާޒިމް ވިދާޅުވިއެވެ.
މި ވަޒީފާތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ ނަންބަރު 3001141 އާ ގުޅުމަށް އެ ކުންފުނިން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް