އާބާދީ ބޮޑު ތިން ރަށެއްގައި ސަރުކާރުން އަޅަން ހަމަޖައްސާފައިވާ ޒަމާނީ ފެންވަރުގެ ބޮޑު ހޮސްޕިޓަލްތަކުގެ ކުރެހުންތައް މިއަދު ދައްކާލައިފި އެވެ.
އާ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ބ. އޭދަފުށި އަދި ދ. ކުދަހުވަދޫގައި އެވެ.
ހެލްތް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހޮސްޕިޓަލްތަކުގެ އާ އިމާރާތްތަކެއް އެޅުމުގެ ބޭނުމަކީ ސިއްހީ ހިދުމަތަށް އާ ވިސްނުމެއް ގެނައުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހަމައެކަނި ހޮސްޕިޓަލެއް ހުރުމުގެ ވިސްނުން ދޫކޮށް ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
https://twitter.com/MoHmv/status/1232938948588122123
ހޮސްޕިޓަލްތަކުގެ ކުރެހުންތަކުގެ ފުރިހަމަ ކަމުން މިނިސްޓަރުވެސް ވަނީ މިއަދު ރަސްމިއްޔާތުގައި އެކަން ފާހަގަ ކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ ތިން ހޮސްޕިިޓަލްގެ އާ އިމާރާތްތަައް ހުންނާނެ ގޮތް ފެނިވަޑައިގަތުމުން އެއީ ހޮސްޕިޓަލްތަކެކޭ ވިދާޅުވާ ހިތެއް ނެތް ކަމަށެވެ.
އެ ތިން ރަށުގައި އިމާރާތް ކުރާ އާ ހޮސްޕިޓަލްތަކުގައި 55 އެނދާއި ޕްރައިވެޓް ހަ ކޮޓަރި އާއި ތިން އެނދުގެ އައިސީޔޫއަކާއި އެންއައިސީޔޫ އާއި 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމް ހިމެނެ އެވެ. އޭގެ އިތުރުން އެކްސްރޭ ރޫމާއި ޕިޒިއޮތެރަޕީ ރޫމާއި އެމަޖެންސީ ރޫމާއި ދެ އޮޕަރޭޝަން ތިއޭޓަރު ވެސް ހުރެ އެވެ.
ދިއްދޫ އާއި ކުޑަހުވަދޫގައި އާ ހޮސްޕިޓަލުގެ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ އެ ރަށްރަށުގައި އަލަށް ހިއްކާފައިވާ ސަރަހައްދުގައި އެވެ. އޭދަފުށީގައި އާ އިމާރާތް އަޅަނީ މިހާރުވެސް ހޮސްޕިޓަލް ހުރި ބިމުގައި އެވެ.
އަތޮޅުތެރޭގެ ސިއްހީ ނިޒާމު މުޅިން އާ ހަރުފަތަކަށް ގެންދިއުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. މި ތިން ހޮސްޕިޓަލް އަޅައި ހިދުމަތް ދޭން ފެށުމުން ފެންވަރު ރަނގަޅު ސިއްހީ ނިޒާމަކަށް ބޭނުންވެފައި އަތޮޅު ތެރޭގައި ތިބި އެތައް ރައްޔިތުންނެއްގެ އުންމީދުތައް ހަގީގަތަކަށް ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް