ސްކޫލް ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް ހިންގި ދަސްވާރު ޕްރޮގްރާމްގެ ބަދަލުގައި "ހޭވައްލާ" ގެނަމުގައި އާ ޕްރޮގްރާމެއް ފަށައިފި އެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އުނގޫފާރުގައި އެވެ. މި ޕްރޮގްރާމް މިހާރު އެ ރަށުގައި ވަނީ ފަށާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ދިނުން މުހިއްމު ކަމަށެވެ. އަދި ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށް ބެލެނިވެރިންނަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
ކުރިން ހިންގި ޕްރޮގްރާމާއި ހިލާފަށް ހޭވައްލާ ޕްރޮގްރާމް ކުރިޔަށް ގެންދަނީ ސާނަވީ ނިންމާ މަތީ ސާނަވީއަށް ކިޔަވަން ފެށުމާއި ދޭތެރޭ އޮންނަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެވެ. މި ޕްރޮގްރާމްގައި ތަފާތު ދާއިރާތަކުން ހުނަރު ދަސްކޮށްދެވެ. އޭގެ ތެރޭގައި ފެހުމާއި ވަޑާން ކުރުމާއި އިލެކްޓްރިކަލް މަސައްކަތްތައް ހިމެނެ އެވެ.
މިހާތަނަށް މި ޕްރޮގްރާމްގައި200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެ އެވެ. އަލަށް ތައާރަފު ކުރުމުގެ ގޮތުން މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ20 ސްކޫލެއްގައި އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ދަސްކޮށްދޭނެ ހުނަރުތައް ކަނޑައަޅަނީ، އެ ކުއްޖެއް ދިރިއުޅޭ ސަރަހައްދަކުން ލިބޭ ވަސީލަތްތަކަށް ބެލުމަށް ފަހު ސްކޫލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް