ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާ 112 އަހަރުގަ މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާ މަރުވެއްޖެ އެވެ. އެ ލަގަބު އޮންނަނީ ޖަޕާނުގެ ޗިތެޓްސޫ ވަތަނަބޭ ކިޔާ މީހަކަށެވެ.112 އަހަރުގައި އޭނާ މަރުވީ އިއްޔެ އެވެ. ޗިތެޓްސޫ މަރުވެފައިވަނީ ދުނިޔޭގެ އެންމެ ދު...

27 Feb 2020 | 06:09

ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާ މަރުވެއްޖެ އެވެ.

އެ ލަގަބު އޮންނަނީ ޖަޕާނުގެ ޗިތެޓްސޫ ވަތަނަބޭ ކިޔާ މީހަކަށެވެ.112 އަހަރުގައި އޭނާ މަރުވީ އިއްޔެ އެވެ.

ޗިތެޓްސޫ މަރުވެފައިވަނީ ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ލަގަބު ގިނިސް ވޯލްޑް ރިކޯޑުން އޭނާއަށް ދިންތާ ގާތްގަނޑަކަށް ދެ ހަފްތާވީ ތަނާއެވެ.

ފަސް ދަރިން ލިބިފައިވާ ޗިތެޓްސޫ މަރުވި އިރު ދިރިއުޅެމުން ގެންދިޔައީ ޓޯކިޔޯގެ އުމުރުން ދުވަސްވީ މީހުން ތިބޭ ނާސިން ހޯމެއްގައި އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެހާ ގިނަ ދުވަހު ދުނިޔޭގައި ހުރުމުގެ ސިއްރަކީ ރުޅި މަޑުވުމާއި މޫނުމަތިން އަބަދުވެސް އުފާވެރިކަން ދައްކާތީ އެވެ.

އޭނާ އުފަންވެފައިވަނީ1907 ވަނަ އަހަރުގެ މާޗް ފަހެއްގައި އެވެ.

ޗިތެތްސޫއަށް ފަހު ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ ލަގަބު ލިބެނީ ޖަޕާނު މީހަކަށެވެ. އުމުރުން110 އަހަރުގެ އިސައްކޫ ތޮމޯއީ އަށް އެ ލަގަބު އަދި ގިނިސް ވޯލްޑް ރިކޯޑުން ނާރުވަ އެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ އަންހެން މީހާގެ ލަގަބުވެސް އޮތީ ޖަޕާނު މީހެއްގެ އަތުގައި އެވެ. އުމުރުން117 އަހަރުގެ ކޭން ޓަނާކާ ވަނީ އޭނާގެ117 ވަނަ އުފަންދުވަސް މިދިޔަ މަހު ފާހަގަކޮށްފަ އެވެ. އަދިވެސް ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ނެތް ކޭންވެސް ދިރިއުޅެނީ ޖަޕާނުގެ ދެކުނުގެ ފުކޯކާ ސިޓީގެ އުމުރުން ދުވަސްވީ މީހުން ތިބޭ ނާސިން ހޯމެއްގައި އެވެ.

ޖަޕާނަކީ ދުނިޔޭގެ އެންމެ އުމުރު ދިގު މީހުން ދިރިއުޅޭ ގައުމެވެ. އެ ގައުމުގައި100 އަހަރުވެފައިވާ އެތައް ސަތޭކަ ބަޔަކު އުމުރުން ދުވަސްވީ މީހުން ތިބޭ ނާސިން ހޯމްތަކުގައި އެބަ ތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް