ޗައިނާގެ ވޫހާން ސިޓީގައި ބާކީ ތިބި ދެ ދިވެހިން އިންޑިއާ ސަރުކާރުގެ އެހީގައި އެ ގައުމަށް ގެންގޮސް ކަރަންޓީން ކޮށްފި އެވެ.
ނުރައްކާތެރި ކޮރޮނާ ވައިރަސް ފުރަތަމަ އުފަންވި ވޫހާން ސިޓީގައި ނުވަ ދިވެހިން އެކި ބޭނުންތަކުގައި ދިރިއުޅެމުންދިޔަ އެވެ. ވައިރަސް ފެތުރި ނުރައްކާތެރިކަން ބޮޑުވެ މުޅި ސިޓީ ބަންދު ކުރުމާއި ގުޅިގެން ސަރުކާރުން ވަނީ އެމީހުން އެ ސިޓީން ނެރުމުގެ މަސައްކަތް ފަށާފައި އެވެ.
އެކަމަކު އޭގެ ތެރެއިން ސިޓީ ދޫކޮށް ރާއްޖެ އަންނަން ބޭނުންވީ ހަތް ދިވެހިންނެވެ. މިއަދު އެ ސިޓީން ނެރުނު ދެ ދިވެހިން ބޭނުންވީ ވޫހާން ސިޓީގައި މަޑު ކުރާށެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެ ދެ ދިވެހިން އިންޑިއާގެ ވެރިރަށް ދިއްލީ އަށް ގެންދިޔައީ، ވޫހާންގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިއުމަށް ބޭއްވި، އިންޑިއަން އެއާފޯސްގެ މަތިންދާބޯޓެއްގައި ކަމަށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެއީ ޗައިނާގައި ތަމްރީނުތަކެއް ހަދަން ތިބި ދިވެހި ސިފައިންގެ ދެ ފިރިހެނެކެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ދެމީހުން ރާއްޖެ ގެންނާނީ ދިއްލީގެ ކަރަންޓީން ފެސިލިޓީއެއްގައި14 ދުވަސް ހޭދަ ކުރުމަށް ފަހު ކަމަށެވެ.
ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިއާ އާއި ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ކުރިން އެ ސިޓީން ނެރުނު ހަތް ދިވެހިންވެސް ވަނީ ކަރަންޓީން މުއްދަތު އިންޑިއާގެ ދިއްލީގައި ފުރިހަމަ ކޮށްފައިވެ އެވެ. އެ ހުރިހާ އެންމެން ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރި އިރު އެންމެންވެސް ވަނީ ނެގެޓިވް ވެފަ އެވެ.
އެމީހުން ރާއްޖެ ގެނައީ މިމަހުގެ18 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް