އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ގަޑުބަޑު ކުރުމަކީ އޮތް ފުރުސަތެއް ނޫންކަން އެނގިތިބެ، ވާދަވެރި ކެނޑިޑޭޓްގެ ފަރާތުން އެއްވެސް އަސާސެއްނެތި ތުހުމަތުތަކާ އިލްޒާމްތައް އެޅުވުމަކީ ހިތާމަކުރާކަމެއްކަމުގައި ރައީސް ސޯލިހްގެ "ކުރިއަށް" ކެމްޕޭން ޓީމުން ބުނެފިއެވެ.
އެ ޓީމުން މިހެން ބުނެފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި، މިނިވަން ޑިމޮކްރެޓިކް ދެފުށްފެންނަ އިންތިހާބީ އުސޫލްތައް ރާއްޖެއަށް ތައާރަފް ކުރި އެމްޑީޕީގެއެތެރޭގެ އިންތިހާބެއް ގަޑުބަޑުކުރުމަކީ އޮތް ފުރުސަތެއް ނޫންކަން އެނގިތިބެ، ވާދަވެރި ކެނޑިޑޭޓުގެ ފަރާތުން އެއްވެސް އަސާސެއް ނެތި އެފަދަ ތުހުމަތާ އިލްޒާމް އެޅުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
" މިފަދަ ރޭވުންތަކުން އެއްކިބާވެ މި ޕްރައިމަރީ ޑިމޮކްރެޓިކް ރޫހުގައި އެއް އަމާޒަކަށް ވާސިލްވުމަށް މަސައްކަތް އެމްޑީޕީއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު، އެންމެ ބަދަހި އަދި އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަން ރާއްޖެއަށާއި ދުނިޔެއަށް ދައްކައިދޭ ފުރުސަތަކަށް މި ޕްރައިމަރީ ހެދުމަށް އިލްތިމާސް ކުރަމެވެ." ކުރިއަށް ކެމްޕޭން ޓީމުން ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީއަކީ ޕާޓީގެ އެންމެހާ ހަމަތަކާ އުސޫލުތައް ނަގަހައްޓާ ފުރިހަމަކޮށް ޑިމޮކްރެޓިކް އިންތިހާބަކަށް ހެދުމަށް ކެނޑިޑޭޓް ނަންބަރު ދޭއް، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ކެމްޕޭނު ޓީމްތަކަށާއި އެންމެހާ ސަޕޯޓަރުންނަށް އިރުޝާދު ދެއްވާފައި ކަމަށާއި އަދި މިގޮތުން އެތެރޭގެ މި އިންތިހާބަށްފަހު މުޅި ޕާޓީ އެކުގައި ކުރިއަށްގޮސް މި އަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ޒާތީ ތައައްސުބާ، އެކަށީގެންނުވާ ބަހުރުވައާ ޒުވާބާ ޖަދަލުގެ ތެރެއަށް ނުވެއްޓި ކެމްޕޭނުގައި ދެމިތިބި މެންބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރުއަދާކުރައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް