ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ "ނައިންޓީ ނައިން ހޯލްޑިން" އަށް ވިލިމާލޭން ދޫކޮށްފައިވާ ބިންތައް ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލުކުރަން ނުޖެހޭ ކަމަށް އަންގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ބެޓެރި ވެހިކަލް އެކަނި ދުއްވުމުގެ ހުއްދަ އޮންނަ ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާ 2013 ވަނަ އަހަރުގެ ޖޫން 17 ގައި ހަވާލުކުރި ނަމަވެސް އެ ކުންފުނިން ވަނީ "ނައިންޓީ ނައިން ހޯލްޑިން" އަށް ޖެނުއަރީ 16، 2014 ގައި އެ މަސައްކަތްތައް ބަދަލުކޮށްފައި ކަމަށެވެ.
އެހެންނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ވިލިމާލޭގައި ބަގީގެ ޚިދުމަތް ނުދޭތީ، އެ އެއްބަސްވުން ބާތިލުކޮށް، "ނައިންޓީ ނައިން ހޯލްޑިން" އަށް އެ އަވަށުން ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ 2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 25 ވަނަ ދުވަހު ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
އަދި އެ އެންގުމާއި ގުޅިގެން، ނައިންޓީ ނައިން ހޯލްޑިންގްސް ގެ ފަރާތުން އެ މައްސަލަ 23 އޮގަސްޓް 2022 ގައި ސިވިލް ކޯޓަށް ހުށަހެޅި އެވެ.
އެ ނިންމުމާއެކު ނައިންޓީ ނައިން ކުންފުނިން ކޯޓަށް ދިޔުމުން، ސިޓީ ކައުންސިލްގެ ނިންމުމަށް ޢަމަލު ކުރުން ފަސްކުރަން ސިވިލް ކޯޓުން އަމުރުކުރިއެވެ. އެއާއިއެކު އެ އަމުރު ގެ މައްސަލަ މާލެ ސިޓީ ކައުންސިލުން ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.
މިގޮތުން ސިޓީ ކައުންސިލުން ނައިންޓީ ނައިން ކުންފުންޏަށް ފޮނުވި ސިޓީއަށް ޢަމަލުކުރަން ނުޖެހޭ ކަމަށް އަންގައި ސިވިލް ކޯޓުން މިދިޔަ އޯގަސްޓް މަހު ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރީ، މާލޭ ސިޓީ ކައުންސިލުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން، ބުދަ ދުވަހު އިއްވި ހުކުމުގައި ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް