ތުއްތުކުދިންގެ ކާނާ ރެޖިސްޓްރީ ނުކޮށް ވިއްކާނަމަ ނަން އާންމު ކުރާނަން: އެމްއެފްޑީއޭ

ތުއްތު ކުދިންނަށް ދޭ ކާބޯތަކެތީގެ އުފެއްދުންތައް ރެޖިސްޓްރީ ނުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ އަދަދަކަށް ވިއްކަމުންދާތީ އެފަދަ ފަރާތްތަކުގެ ނަން އާއްމު ކުރާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް...

27 Jan 2023 | 16:37

ތުއްތު ކުދިންނަށް ދޭ ކާބޯތަކެތީގެ އުފެއްދުންތައް ރެޖިސްޓްރީ ނުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ އަދަދަކަށް ވިއްކަމުންދާތީ އެފަދަ ފަރާތްތަކުގެ ނަން އާއްމު ކުރާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށްދޭ  ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ ދަށުން ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކޮށްގެން ތައްޔާރު ކޮށްފައިވާ ކާނާގެ ބާވަތްތައް ވިއްކަން ވާނީ އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ކަމަށެވެ.

ނަމަވެސް މިހާރަކަށް އައިސް އެމްއެފްޑީއޭގައި ރެޖިސްޓްރީ ކުރަން ޖެހޭ ކާބޯތަކެތި ރެޖިސްޓްރީ ނުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ އަދަދަކަށް ވިއްކަމުން އަންނަ ކަން އެ އޮތޯރިޓީއަށް ފާހަގަ ކުރެއްވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.

މިގޮތުން އެމްއެފްޑީއޭއިން ވަނި އެ އުފެއްދުންތައް އުފައްދައި ވިއްކާ ފަރާތްތަކުން އެމްއެފްޑީއޭގައި ރެޖިސްޓްރީވުމަށް އެއް މަހުގެ މުއްދަތެއް ދީފައެވެ.

އެހެންކަމުން އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުގެ މަތިން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ނަން ހާމަކޮށް އާންމުކުރަން ފަށާނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

މީގެ އިތުރުން އެމްއެފްޑީއޭއިން ބުނީ ޤަވައިދާ ޚިލާފަށް އުފެއްދުންތައް ވިއްކުމަކީ ފެންވަރާއި މިންގަނޑުތައް ނުހިފެހެއްޓި، ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލިގެންދާނޭ ކަމެއް ކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިދާރާއެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ އުފެއްދުން ތަކަކީ އެތެރެ ކުރުން ހުއްދަ ތަކެތިތޯ އެއަރޕޯޓާއި ސީޕޯޓްގައި ޗެކްކުރާ އޮތޯރިޓީއެވެ. ރާއްޖޭގައި ބޭނުންކުރުން ހުއްދަ ބޭސްތަކާއި ހުއްދަ ނޫން ބޭސްތައް ވެސް ކަނޑައަޅާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް