ރައީސް މައުމޫނާއި ފާރިސް މައުމޫން ރަނިލް އާއި ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ ރަނިލް ވިކްރަމަ ސިންހައާ ބައްދަލުކުރައްވައިފިއެވެ. ރައީސް މައުމޫންގެ ...

27 Jan 2023 | 14:10

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ ރަނިލް ވިކްރަމަ ސިންހައާ ބައްދަލުކުރައްވައިފިއެވެ.

ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފައިވާގޮތުގައި މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ސްރީލަންކާގެ ރައީސްގެ އޮފީހުގައެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އަރިހުގައި، އެމަނިކުފާނުގެ ދަރިކަލުން، އަލްފާޟިލް އަޙްމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގެންނެވި ކަމުގައިވެސް އެ ޕާޓީއިން ބުނެފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި އެގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި އަދި ވަކިން ޚާއްޞަކޮށް، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ދުވަސްވަރު ސްރީލަންކާގެ ސަރުކާރުން ދިވެހިރާއްޖެއާ މެދު ގެންގުޅުއްވި ގާތް ރަޙްމަތްތެރިކަމުގެ ހަރުދަނާ ސިޔާސަތަށްޓަކައި ޝުކުރު އަދާކުރެއްވި ކަމަށް އެ ޕާޓީން ބުނެއެވެ.

އެމްއާރްއެމްއިން ބުނެފައިވަނީ ރައީސް މައުމޫން އެންމެ ފުރަތަމަ ރައީސް ވިކްރަމަ ސިންހައާ ބައްދަލުވެޑައިގެންނެވި ހަނދުމަފުޅު އާކުރައްވައި، ރައީސް ވިކްރަމަ ސިންހައާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ 1984 ވަނަ އަހަރު ރައީސް މައުމޫން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށް ވިދާޅުވި ކަމަށާއި ސްރީލަންކާގެ ރައީސް، ވިކްރަމަސިންހަގެ ވާހަކަފުޅުގައި، ސްރީލަންކާއަށް ކުރިމަތިލާންޖެހުނު ދަތި އުނދަގޫ ޙާލަތުގައި ދިވެހިރާއްޖޭގެ ފަރާތުން އަބަދުވެސް ސްރީލަންކާއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިކަމަށެވެ.

ސްރީލަންކާ ސަރުކާރުންދޭ އެންމެ މަތީ ޝަރަފު ކަމަށްވާ [މިތުރަ ވިބޫޝަނަ އެވޯޑް] އެ ޤައުމުން ވަނީ 2008 ވަނަ އަހަރު ރައީސް މައުމޫނަށް އަރުވާފައެވެ. ރައީސް މައުމޫން މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި ސްރީލަންކާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް