އައްޑޫސިޓީގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީ ހަންކެޑެ ތަރައްޤީ ކުރުމަށް ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއެއް އިއުލާނު ކޮށްފިއެވެ.
ހަންކެޑެ ހުރިހާ ގޮތަކުން ވެސް ތަފާތު މަންޒިލެއް ކަމަށް ބުނެ މި މަޝްރޫޢު އިއުލާނު ކޮށްފައިވަނީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން މިއަދު ކުރި ޓްވީޓެއްގައެވެ.
އެގޮތުން މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން ކުރި ޓްވީޓްގައި މި މަޝްރޫޢުގެ ޑިޒައިންގެ ފޮޓޯ ހިއްސާކޮށް ބުނީ މި މަޝްރޫއުގެ ދަށުން، ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އަދި ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓާއެކު އައްޑޫގެ ފަތުރުވެރިކަމަށް މުޅިން އެހެން ހަރުފަތަކަށް ގެންގޮސް، އިންގިލާބީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
މިގޮތުން ވަޒީފާތައް މެދުވެރިކޮށް އިންޓަގްރޭޓެޑް ޓޫރިޒަމުން މަންފާ ހޯދުމުގެ ފުރުސަތު އައްޑޫގެ ރައްޔިތުންނަށް ފަހިކޮށްދީ، ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ފަހި މާހައުލެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ލިންކް ރޯޑުން ގުޅިފައި އޮންނަ މަރަދުއާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް