ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވައުދުފުޅެއް ކަމުގައިވާ ކ. ކުޑަގިރި ފަޅުގައި ތަރައްޤީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މަހު 10 ގައި ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ އިއްޔެ ހުޅުމާލޭގެ ދެވަނަ ފިޔަހީގައި، ހުޅުމާލޭ ހޮސްޕިޓަލްގެ ކްލިނިކް ހުޅުއްވައި ދެއްވާ ދެއްކެވި ވާހަކަފުޅުގައިއެވެ.
އެގޮތުން މިފަދަ މަޝްރޫޢެއްގެ މުހިންމުކަން މާލެ ސަރަޙައްދަށް އޮތް މިންވަރު ފާހަގަ ކުރައްވާ ނަފްސާނީ މައްސަލަތައް މުޖުތަމަޢުގައި އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީވެސް ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިރި އުޅެން ޖެހިފައިވާ ދަތި ހާލަތުކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވެފައި ވެއެވެ.
އަދި ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމަކީ ގުޅުންތައް ބަދަހިކޮށް ހިތްހަމަޖެހުމަށްޓަކާ ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށް ފައިސަލް ވިދާޅުވެފައި ވެއެވެ.
މިގޮތުން މިއީ ހުސްކޮށް ލިބޭ ވަގުތު އާއިލާއާއި ރައްޓެހިންނާކު، އުފާވެރިކަމާއެކު ހެޔޮގޮތުގައި ބޭނުންކުރުމަށް ލިބޭ ފުރުޞަތެއް ކަމަށްވެސް ފައިސަލްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރަނީ 3 ސްޓަރ ފެންވަރަށް ކަމަށާއި ބޭނުންވާ ހުރިހާ ވަސީލަތެއް ހުންނާނެ ކަމަށެވެ.
އަދި 10 ފެބްރުއަރީގައި ޚިދުމަތަށް ހުޅުވާލުމަށް ވަނީ ތައްޔާރުވެފައި ކަމަށާއި އެއްފަހަރާ 500- 600 އާއި ދެމެދުގެ މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް ނައިބު ރައީސް ވިދާޅުވެފައި ވެއެވެ.
1.5 ހެކްޓަރުގެ ކުޑަގިރި ޕިކްނިކް އައިލެންޑްގައި ދަތުރުދާ ރަށަކުން ބޭނުންވާނެ ފަދަ ރީތި މޫދަކާއި، ދަތުރުދާ ފަރާތްތަކަށް ބޭނުންވާނޭ ހުރިހާ ފެސިލިޓީތައް ވަނީ ޤާއިމުކޮށް ނިމިފައެވެ. އެގޮތުން ރަށް ބަލަހައްޓާ އޮފީހަކާއި، މިސްކިތާއި، ފާޚާނާ ބަރި، ކެފޭ، ފިހާރަ، ކުޑަކުދިން ކުޅޭނެ ޕާކާއި ހަޓުތަކާއި އަދި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް ހިމެނެއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް