ޑަބަލް ވޯޓިން އާއި އިތުރު އެތައް ގޮތަކުން ވޯޓު އޮޅުވާލަން ރައީސް ސޯލިހްގެ ކެމްޕޭނު ޓީމުން ވަރަށް ބޮޑަށް ރާވަމުން އަންނަކަމުގެ ތުހުމަތު ރައީސް ނަޝީދުގެ ކެމްޕޭނު ޓީމުން ކޮށްފިއެވެ.
މިއަދު ބޭއްވި ރައީސް ނަޝީދުގެ ކެމްޕޭނު އެޖެންޓް ހަސަން ލަތީފްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެފަދަ އެތައް ވާހަކައެއްގެ އަޑު އެބަ އިވޭ ކަމަށާއި އޭގެން އެއް ކަމަކީ ޑަބަލް ވޯޓިން ކަމަށެވެ.
"ހާއްސަކޮށް މާލޭގެ ކައިރި އަތޮޅުތަކުގައި، މާލޭގެ ފޮއްޓަކަށް ލާފާ ނިސްބަތްވާ ރަށަށް ވޯޓުލުމަށް ކުރަން ހަމަޖައްސަމުންދާކަމުގެ މައުލޫމާތު އެބަ ލިބޭ، މާލޭގައި ވޯޓުލުމަށްފަހު ލޯންޗުގައި ކައިރި ރަށްރަށަށް ފޮށި ކައިރިއަށްގޮސް ވޯޓު އެޅުން" ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން އެ މަގުން ހިނގިޔަ ނުދެއްވާނެ ކަމަށާއި ހުއްޓުވާނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައިވާނެ ކަމަށެވެ.
ހަސަން ވިދާޅުވީ ރަށްރަށުގެ މޮނީޓަރުން އެކަން އެމަގުން ހިނގިޔަ ނުދިނުމުގެ ގޮތުން ވޯޓުލާ ފަރާތްތަކުގެ ފޮޓޯ ނަގައި، މަންދޫބުންގެ ގްރޫޕްގައި ދައުރުކޮށް އެކަން އެމަގުން ހިނގިޔަ ނުދިނުމަށް އެކަން ކަށަވަރު ކުރާނެ ކަމަށެވެ.
މީގެ އިތުރުން ރޭގައި އައްޑޫ ސިޓީގެ ޖަލްސާއަށް ދިޔަ ބައެއް ފަރާތްތައް މާދަމާ އައްޑޫ ފޮއްޓަށް ވޯޓުލުމަށްފަހު މާލެ އައިސް މާލެ ފޮއްޓަށް ވޯޓުލާންވެސް ރާވަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވޯޓުލުމަށްފަހު ވޯޓު ކަރުދާހުގެ ފޮޓޯ ނެގުން ނުވަތަ ވަކި މާކެއް ޖެހުމުގެ މަކަރު ހެދުންވެސް ރާވަމުން އަންނަކަމުގެ މައުލޫމާތު ލިބެމުން އަންނަކަމުގައިވެސް ހަސަން ވިދާޅުވިއެވެ.
ހަސަން ތަކުރާރުކޮށް ވިދާޅުވީ އިންތިހާބުން ބަލި ނުވާނެ ކަމަށާއި ނަމަވެސް މަކަރު ހެދުމަށް ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ހުރިހާ ކަމެއް ފެއިލްވެ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް ނަޝީދުކަމުގައި ތަކުރާރުކޮށް ހަސަން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް