މުދަލުގެ ޒަކާތް ވާޖިބުވާ މީހާ ޒަކާތް ނުދައްކާނަމަ އެމީހެއްގެ ދީން ފުރިހަމައެއް ނުވާނެ: ހުކުރު ޚުޠުބާ

މުދަލު ޒަކާތް ދިނުން އިސްލާމް ދީނުގެ ރުކުނެއް ކަމުގައި ކަނޑައެޅިފައިވީހިނދު، ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި ހަމަ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ ކަމަށާއި ނޫންނަމަ އެމީ...

27 Jan 2023 | 09:18

މުދަލު ޒަކާތް ދިނުން އިސްލާމް ދީނުގެ ރުކުނެއް ކަމުގައި ކަނޑައެޅިފައިވީހިނދު، ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި ހަމަ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ ކަމަށާއި ނޫންނަމަ އެމީހެއްގެ ދީން ފުރިހަމައެއް ނުވާނެކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދުމަކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ " ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ" މި މަޢުލޫއެވެ.

އިސްލާމް ދީނުގައި ޒަކާތުގެ ދެ ބާވަތެއް ވެއެވެ. އެއީ ފިތުރު ޒަކާތާއި މުދަލު ޒަކާތެވެ. ފިތުރުޒަކާތަކީ، ރަމަޟާން މަހުގެ ރޯދަ ހިފުމާ ވިދިގެން ޢީދު ނަމާދަށް ދިއުމުގެ ކުރިން ދައްކަންޖެހޭ ޒަކާތެވެ. މުދަލުޒަކާތަކީ، ތިމާގެ މުދަލުގެ ނިސާބު ހަމަވެ، ހިޖުރީ ސަނަތުން އަހަރު ހަމަވާއިރު، ތިމާގެ ފުރިހަމަ މިލްކުގައި އެ މުދާ ހުރެއްޖެނަމަ، އޭގެ 40 ބައިކުޅަ އެއްބައި ނެރެންޖެހޭ ޒަކާތެވެ.

މުދަލުޒަކާތުގެ ނިސާބަކީ ހާލިސް ރަނުގެ 85 ގްރާމެވެ. ނުވަތަ ހާލިސް ރިހީގެ 595 ގްރާމެވެ. މިއިން ކޮންމެ ނިސާބަކުންވެސް ޒަކާތް ނެރެވޭނެއެވެ. ދިވެހިރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރިހީގެ ނިސާބުގެ މައްޗަށް ބަލައިގެންނެވެ. އެއީ ފަގީރުންނަށް ފައިދާ ބޮޑު ގޮތް ކަމުގައި ވާތީއެވެ. މި ޒަމާނުގައި މުދަލު ޒަކާތް ވެސް ދައްކަނީ، ރަނާއި ރިހީގެ ބަދަލުގައި، އެ ގައުމެއްގައި ބޭނުންކުރާ ފައިސާއަކުންނެވެ.

އެހެންކަމުން ދިވެހި ރާއްޖޭގައި، މުދަލުޒަކާތުގެ ނިސާބު ކަނޑައެޅުމަށް ބަލަނީ، ދުނިޔޭގެ ފައިސާގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލަށެވެ. އެ ގޮތުން މިވަގުތު މުދަލު ޒަކާތުގެ ދިވެހި ފައިސާގެ ނިސާބަކީ، 5777.45 އެވެ. އެހެންވީމާ މީހެއްގެ އަތުގައި ނަގުދު ފައިސާ ނުވަތަ ނަގުދު ފައިސާ އާއި ވިޔަފާރި މުދާ ގަތް އަގަށް އަގުކޮށް، މިދެބައި އެއްކޮށްލީމާ، މިދެންނެވި ނިސާބާ އެއްވަރު ވީ ދުވަހުން ފެށިގެން، އޭނާގެ މުދަލުގެ ނިސާބު އެހުރީ ހަމަވެފައެވެ. ދެން ހިޖުރީ ގޮތުން އެއް އަހަރު ފުރުނުއިރު ނިސާބަށްވުރެ މަދު ނުވެ އޭނާގެ މުދާ ހުރެއްޖެނަމަ، އެ ހުރި މުޅި މުދަލުގެ 40 ބައިކުޅަ އެއްބައި، މުދަލު ޒަކާތުގެ ގޮތުގައި ކަމާބެހޭ ފަރާތްތައް ދެއްކުން ވާޖިބު ވާނެއެވެ.

މުދަލު ޒަކާތަކީ، އިސްލާމީ އިގްތިސާދު ހަރުދަނާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ތެރެއިން މުހިއްމުކަން ބޮޑު ފިޔަވަޅެކެވެ. ކަމުގެ މުހިއްމުކަން ބޮޑުކަމުން، އެއީ ދީނުގެ ރުކުނެއްކަމުގައި، ކީރިތި ﷲ ވަނީ ކަނޑައަޅުއްވާފައެވެ. މުދަލު ޒަކާތް ދިނުން އިސްލާމް ދީނުގެ ރުކުނެއް ކަމުގައި ކަނޑައެޅިފައިވީހިނދު، ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި ހަމަ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެއެވެ. ނޫންނަމަ އެމީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ.

މުދަލަކީ ﷲ ސުބްހާނަހޫ ވަތައާލާ އަހަރެމެންނާ ހަވާލުކުރައްވާފައިވާ އަމާނާތެއްކަން، އެއްވެސް މުސްލިމަކު އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. މުދަލުގެ ހަގީގީ ވެރިޔަކީ ﷲ ސުބްހާނަހޫ ވަތައާލާ އެވެ. އެހެންކަމުން އެކަލާނގެ އަހަރުމެންނާ ހަވާލުކުރައްވާފައިވާ މި އަމާނާތުން، އެކަލާނގެ އަންގާފައިވާ ކަންކަމުގައި ހޭދަކުރަން ޖެހެއެވެ.

ތަނަވަސްކަމާއި، ރޯދި ބަރަކާތް މާތ ﷲ ދެއްވާފައި ވަނީ، އެކި މީހުންނަށް އެކި މިންވަރަށެވެ. މިކަމުގައި ވެސް މަތިވެރިވެގެންވާ އިލާހީ ހިކުމަތްތަކެއް ވެއެވެ. ﷲ އިރާދަކުރެއްވި ނަމަ އެންމެންނީ އެއްވަރެއްގެ ތަނަވަސް ބަޔަކު ކަމުގައި ލެއްވީހެވެ. ނަމަވެސް އެކަލާނގެ މީސްތަކުނންގެ މެދުގައި ރިޒުގު ބައްސަވާފައިވަނީ އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭ ފަދަ ގޮތަކަށެވެ. އެހެންކަމުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށް އެކަލާނގެ ވަނީ އަމުރުކުރައްވައި ގޮވާލައްވާފައެވެ. އަދި ތަނަވަސްކަމުގެ އަހުލުވެރިންގެ މުދަލުން ޒަކާތް ނެންގެވުމަށް އެކަލާނގެ ރަސޫލާ މުހައްމަދު ސައްލައްލާލި އަލައިހިވަސައްލަމައަށް ވަނީ އަމުރުކުރައްވާފައެވެ.

އިސްލާމްދީނުގެ ނަޒަރުގައި، މުދަލަކީ، އެއާ ހަވާލުކުރެވިފައިވާ ބައެއްގެ އަތްމަތީގައިވާ، މުޅި އިސްލާމީ އުއްމަތުގެ ހިއްސާއެއް އޭގައިވާ އެއްޗެކެވެ.

ތިޔަބައިމީހުން ﷲ އަށް ބިރުވެތިވެ، ތަގްވާވެރިވާށެވެ.! އަދި ދަންނާށެވެ! ކިތަންމެ ގިނަ މުދަލެއް ޒަމާކޮށްފައި ވީނަމަވެސް، ކޮންމެ މީހަކަށްވެސް އެމީހެއްގެ މުދަލުން ފައިދާއެއް ކުރާހުށީ، އެމީހަކު އެއިން ބޭނުންކުޅަ އެއްޗަކާއި، އާހިރަތުގެ ސަވާބާއި ދަރުމައަށް އެދިގެން ހޭދަކުލަ އެއްޗަކުންނެވެ. ދެން ހުރި އެއްޗަކީ ދުނިޔެމަތީގައި ތިބި ކޮންމެވެސް ބައެއްގެ އަތްމައްޗަށް ދޫކޮށްފައި ދާންޖެހޭ ތަކެއްޗެވެ. ތަރިކަ މުދަލެވެ.

ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރަމުން ދާނަމަ އިސްލާމީ މުޖްތަމައުގެ ވަރަށް ގިނަ އިޖްތިމާއީ މައްސަލަތައް ހައްލުވާނެކަން ކަށަވަރެވެ. ހަސަދަވެރިކަމާއި، ރުޅިވެރިކަން އެމީހުންގެ މެދުން ފިލައިދާނެއެވެ. އެބައިމީހުންގެ މެދުގައި ފަގީރުކަން ނެތި މުޖްތަމައުގެ އެންމެހައި ޔަތީމުންނާއި އަތްމަތި ދަތި މީހުންނާއި، މި ހުރިހާ އެންމެން އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމުގައި މެދުވެރިވި މީހުންނަށްޓަކައި، ދެއަތް އުފުލައި، ހެޔޮ ދުއާކޮށް، އެބައިމީހުންގެ މުދަލުގައި ބަރަކާތް ލެއްވުން އެދި ﷲގެ ހަޒްރަތުގައި ދަންނަވައި އުޅޭނެއެވެ.

ކަނޑައެޅިފައިހުރި ޝަރުތުތަކެއް ހަމަވުމުން އަހަރަކު އެއްފަހަރު މުދަލުޒަކާތް ދިނުމާއި އަހަރަކު އެއްފަހަރު ފިތުރުޒަކާތް ދިނުމަކީ އިސްލާމީ ޝަރީއަތުގައި ވާޖިބުވެގެންވާ ކަމެކެވެ. މި ދެ ޒަކާތުގެ ތެރެއިން ފިތުރު ޒަކާތަކީ ރަމަޟާން މަހު ރޯދަހިފައި ނިމުމާއި ގުޅިގެން ވާޖިބުވާ ޒަކާތެކެވެ.

ފިތުރު ޒަކާތް ނެރޭނީ އެ ރަށެއްގައި އާއްމުކޮށް ކައިއުޅޭ ބާވަތްތަކުންނެވެ. ނުވަތަ އެ ބާވަތެއް އަގުކޮށްފައި ޞާޢަކަށްވާ އަގުންނެވެ. ފިތުރު ޒަކާތުގެ ހިކުމަތަކީ ރޯދަވެރިޔާއަށް ދެއްކުނު ބޭކާރު ވާހަކަތަކުންނާއި، ކުރެވުނު ބޭކާރު އަމަލުތަކުން އޭނާ ތާހިރުކުރެއްވުމާއި، ފަގީރުންނަށް އެހީވުމެވެ. ފިތުރު ޒަކާތް ނެރުން ވާޖިބުވާނީ ތިމާއާއި ތިމާ ހަރަދު ދީގެން ބަލަހައްޓާން ވާޖިބުވެފައިވާ މީހުން، އީދު ވިލޭރެއާއި، އީދު ދުވަހު ކައިބޮއި އުޅޭނެ މިންވަރު ހުރެފައި، އެއަށްވުރެ އިތުރަށް އެއްޗެއް ހުރިނަމައެވެ. ފިތުރު ޒަކާތް ނެރުން ވާޖިބުވާނީ އެމީހެއްގެ އަމިއްލަ ނަފްސުގެ މަތީންނާއި، އެމީހާ ހަރަދު ދީގެން ބެލެހެއްޓުން ވާޖިބުވެފައިވާ މީހުންގެ މަތީންނެވެ. ގެންގުޅޭ މީހުންނަކީ މުސާރަވެރިން ކަމުގައިވާނަމަ، ފިތުރު ޒަކާތް ނެރޭނީ، އެމީހުން އަމިއްލައަށެވެ. އެންމެންގެ މަތީން ފިތުރު ޒަކާތް ދެވޭ މިންވަރު ނެތްނަމަ ދެވެން އޮތް ބަޔަކުގެ މަތީން ފިތުރު ޒަކާތް ދޭނީއެވެ. މި ހާލަތުގައި އިސްކުރާނީ ތިމާގެ އަމިއްލަ ނަފްސެވެ. ފިތުރު ޒަކާތް ވާޖިބުވާނީ ރަމަޟާން މަސް ނިމުމުން ކަމުގައި އެންމެހައި ފިގުހުވެރިން އިއްތިފާގުވެފައިވެއެވެ. ނަމަވެސް ރަމަޟާން މަހަށް ހަނދު ބެލުމުން ފިތުރު ޒަކާތް ދިނުން ހުއްދަކަމުގައި އިލްމުވެރިން ވިދާޅުވެއެވެ. ޝާފިއީ މަޒްހަބުގައި އޮންނަ ގޮތުގައި އީދުވިލޭރޭ އުފަންވާ ކުއްޖާގެ މައްޗަކަށް ފިތުރު ޒަކާތް ވާޖިބެއް ނުވާނެއެވެ. އަދި ޢީދުވިލޭރެއަށް އިރުއޮއްސުމުގެ ކުރިން މަރުވެއްޖެ މީހާގެ މައްޗަކަށްވެސް ފިތުރު ޒަކާތް ވާޖިބެއް ނުވާނެއެވެ. އަދި އޭނާގެ ވަލީވެރިޔާ ވެސް އޭނާގެ މަތިން ފިތުރު ޒަކާތް ނެރުން ވާޖިބެއް ނުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް