އެސްޓާސް ޕްރައިވެޓް ލިމިޓެޑުން ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދިން މުދަލާއި ހިދުމަތުގެ އަގު ނުލިބޭ ކަމަށް ބުނެ ކުރި ދައުވާ ހެލްތް މިނިސްޓްރީގެ މައްޗަށް ސާބިތުވެ 76،228 ރުފިޔާ އެސްޓާސްއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ދައުވާގައި އެސްޓާސްއިން ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އެ ކުންފުނިން ފޯރުކޮށްދިން މުދަލާއި ހިދުމަތަށް ފޮނުވި އަށް އިންވޮއިސްއަށް ހެލްތު މިނިސްޓްރީން ފައިސާ ނުދައްކާ އޮތް ކަމަށެވެ.
އެގޮތުން މި އިންވޮއިސް ތަކަށް ޖެނުއަރީ 2021ގެ ނިޔަލަށް ފައިސާ ދައްކާފައި ނުވުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 426،485 ރުފިޔާ އާއި އެކު ޖުމުލަ 502،714 ރުފިޔާ ހޯދައިދިނުމަށް އެސްޓާސްއިން ވަނީ ކޯޓުގައި އެދިފައެވެ.
މީގެ އިތުރުން އެސްޓާސް އިން ވަނީ ހެލްތު މިނިސްޓްރީގެ ފަރާތުން އެ އަދަދު ދައްކާ ހަލާސް ކުރުމާ ހަމައަށް އަރާ ޖޫރިމަނާގެ ފައިސާ ވެސް ހޯދުމަށް އެދިފައެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް އެސްޓާސް އިން ބުނާ ރުފިޔާގެ އިތުރުން ފައިސާ ދެއްކުމާއި ހަމައަށް އަރާނެ ޖޫރިމަނާ ދައްކަން ހެލްތް މިނިސްޓްރީން ނުޖެހޭ ކަމަށެވެ.
ނަމަވެސް ޖޫރިމަނާ ފައިސާ ދައްކަން ނުޖެހުނު ކަމުގައި ވިޔަސް ހެލްތް މިނިސްޓްރީއަށް އެސްޓާސް އިން ފޯރުކޮށްދީފައިވާ މުދަލާއި ހިދުމަތުގެ އަގު ކަމަށްވާ 76،228 ރުފިޔާ އެއްމަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް