ސްޕެނިޝް ކަޕްގައި ކުއާޓާ ފައިނަލުގައި ކުޅުނު މެޗުން ރޭ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ރެއާލް މެޑްރިޑުން ދަތުރުކޮށްފި އެވެ.
ރޭ ކުޅުނު މެޗުން އެތްލެޓިކޯގެ މައްޗަށް ރެއާލުން ކުރި ހޯދީ 1-3 ގެ ނަތީޖާއިންނެވެ.
ރެއާލް ދަނޑުގައި ކުޅުނު މި މެޗުގެ 19 ވަނަ މިނިޓްގައި އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. އެތްލެޓިކޯއިން މެޗުގެ ލީޑު ނެގީ ފޯވާޑް އަލްވާރޯ މޮރާޓާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑާއި އެކު ރެއާލުން ނަތިޖާ އެއްވަރުކުރަން ކުރި މަސައްކަތް ވަނި ނަކާމިޔާބު ވެފައެވެ.
މެޗުގެ ފުރަތަމަ ހާފު އެތްލެޓިކޯއިން ލީޑުގައި އޮވެ ނިންމާލި ނަމަވެސް ފަހު ހާފަށް ނުކުމެ ރެއާލުން ވަނީ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލާފައެވެ. ރެއާލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ވިންގް، ރޮޑްރީގޯ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. އިތުރު ވަގުތުގެ ދެ ހާފް ކުޅުނުއިރު، ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ޑިފެންޑަރު، ސްޓެފަން ސަވިޗަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ.
އެތުލެޓިކޯގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، އިތުރު ވަގުުތުގެ ފުރަތަމަ ހާފުގައި ބެންޒެމާ ވަނީ ލަނޑުޖަހައި ރެއާލަށް މެޗުގެ ލީޑުނަަގައިދީފަ އެވެ. ރެއާލްގެ ތިންވަނަ ލަނޑު އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ޖަހައިދިނީ ވިނީޝިއުސް ޖޫނިއަ އެވެ.
އެތްލެޓިކޯ ބަލިކޮށް ރެއާލްުން ސެމީގެ ޖާގައެއް ކަށަވަރު ކުރިއިރު، ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު އަނެއް މެޗުން 3-1 އިން ވެލެންސިއާ ބަލިކޮށް، ސެމީގެ ޖާގަ ހޯދީ އެތުލެޓިކް ބިލްބާއޯ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް