ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރުން ސައުދީ ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ރޭ އަލް އިއްތިހާދު އަތުން ބަލިވެ، މުބާރާތުން ކަޓައިފި އެވެ.
ކިންގް ފަހުދް އިންޓަނޭޝަންލް ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އަލް ނަޞްރު އަލް އިއްތިހާދް އަތުން ބަލިވީ 1-3 ގެ ނަތީޖާއިންނެވެ.
ރޭގެ މި މެޗުގައި އިއްތިހާދުން މޮޅުކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. އިއްތިހާދުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 15 ވަނަ މިނިޓްގައި ރޮމަރީނިއޯއެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 43 ވަނަ މިނިޓްގައި ޖަހައިދިނީ ފޯވާޑް އަބްދެއްރައްޒާގު ހަމްދުﷲ އެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު އިއްތިހާދުން ނިންމާލިއިރު، ދެވަނަ ހާފަށް ކުޅެން ނިކުމެ އަލް ނަޞްރުން ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން އިއްތިހާދު ޓީމުގެ ހާފުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ހަމަލާ އުފެއްދޭތޯ ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި އެންޑަސަން ޓަލިސްކާ ވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް އުންމީދެއް ހޯދައިިދީފައެވެ.
މި ލަނޑަށް ފަހުވެސް އަލް ނަޞްރުން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް އެޓީމަށް ދެވަނަ ލަނޑެއް ޖަހަން މާ ހުސް ފުރުސަތެއް ނުލިބުނެނެވެ. ނަޞްރުން އިއްތިހާދުގެ ހާފުތެރޭގައި ކުޅެމުން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި އިއްތިހާދުން ތިންވަނަ ލަނޑެއް ޖަހާ އަލް ނަޞްރުގެ އުންމީދު ފެނަށް ދުއްވާލީ ފަހު ހާފުގައި ކުޅެން އެރި މުހައްނަދު އަލް-ޝަންގީތީ ޖެހި ލަނޑުންނެވެ.
ސުޕަ ކަޕް ފައިނަލް މެޗު އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައިވާއިރު، ފައިނަލުގައި ބައްދަލުކުރާނީ އިއްތިހާދާއި އަލް ފައިހާއާ އެެވެ. ފައިހާ ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި އަލް-ހިލާލް 1-0 އިން ބަލިކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް