މާލޭގައި ކައިވެނި ހަފްލާއަކަށް ދިޔަ 35 މީހަކު ކޯވިޑަށް ޕޮސިޓިވްވެ، އެންމެން ކަރަންޓީން ކުރަނީ

މާލޭ ޝީ ބިލްޑިންގައި އޮތް ކައިވެނި ހަފްލާއަކަށް ދިޔަ 35 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ ހަފްލާގައި 120 މީހުން ބައިވެރިވި ކަމ...

26 Dec 2020 | 15:07

މާލޭ ޝީ ބިލްޑިންގައި އޮތް ކައިވެނި ހަފްލާއަކަށް ދިޔަ 35 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ ހަފްލާގައި 120 މީހުން ބައިވެރިވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ކައިވެނި ހަފްލާ އޮތީ މިމަހުގެ20 ވަނަ ދުވަހު އެވެ.

އެޗްއީއޯސީން ބުނީ އެ ހަފްލާގައި ކޯވިޑްގެ އަލާމާތްތައް ހުރި ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކު ނުވަތަ ކޯވިޑް ޖެހުމުން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ މީހުން ހިމެނެ އެވެ.

އެޗްއީއޯސީން ދަނީ މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުން ކަމަށް ބުނެ އެވެ.

ކަރަންޓީން ކުރާ މީހުންގެ ތެރެއިން ކޯވިޑް-19 އަށް ޓެސްޓު ކުރުމުގައި އިސްކަން ދެނީ ހައި ރިސްކު ކެޓަގަރީގެ މީހުންނަށެވެ. އެ ކެޓަގަރީގަިއ ހިމެނޭނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާ ކުރަން ޖެހޭ ބަލިތައް ޖެހިފައި ތިބޭ މީހުންނެވެ.

އެޗްއީއޯސީން ވަނީ މި ޕާޓީ އަށް ދިޔަ މީހުން 1676 އަށް ގުޅައި އެކަމުގެ މައުލޫމާތު ވީހާވެސް އަވަހަށް ދިނުމަށް އެދިފަ އެވެ. އަދި އެޗް.ޕީ.އޭ އިން ނުގުޅި ނަމަވެސް އެ ޕާޓީއަށް ދިޔަ މީހުން ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބެން ވަނީ އަންގައިފަ އެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭން އެ އިދާރާ އިން ވަނީ އެދިފަ އެވެ. އެގޮތުން، ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށާއި ޕާޓީ އަށް ދާއިރު މާސްކްއެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށާއި ހަފްލާ އޮންނަ ތަނުގައި ރަނގަޅަށް ވައި ދައުރުވާ ގޮތަށް ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައި ވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖައްސަން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް