ކޮވިޑަކީ ސުނާމީއެއް ފަދަ އެއްޗެއް: ފޮރިން މިނިސްޓަރ ޝާހިދު

ކޮވިޑަކީ ސުނާމީއެއް ފަދަ އެއްޗެއް ކަމަށާއި ސުނާމީގެ ހިތްދަތި ދުވަސްތަކަށް 16 އަހަރު ފުރުނުއިރު ރާއްޖެއާއި މުޅި ދުނިޔެ ކުރިމަތިލާފައިވަނީ މާނުރައްކާތެރި ލޮލަށް ނުފެންނަ ސުނާމީއަކާ ކަމަށް ފޮރިން މިނިސްޓ...

26 Dec 2020 | 08:24

ކޮވިޑަކީ ސުނާމީއެއް ފަދަ އެއްޗެއް ކަމަށާއި ސުނާމީގެ ހިތްދަތި ދުވަސްތަކަށް 16 އަހަރު ފުރުނުއިރު ރާއްޖެއާއި މުޅި ދުނިޔެ ކުރިމަތިލާފައިވަނީ މާނުރައްކާތެރި ލޮލަށް ނުފެންނަ ސުނާމީއަކާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑްގެ ނުރައްކާތެރި ވައިރަސްގައި ދުނިޔޭގެ އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު މިކަމުގެ ހިތްދަތިކަމުގައި އުޅެމުންދާކަމީ މިއަދު އޮތް އެންމެބޮޑު ގޮންޖެހުމަކީ އެއީ ކަމަށެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެންނަށް މިއަދު ހަމަލާ ދެމުން މިދާ ސުނާމީ އަކީ ކުދިކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް ކަމަށެވެ. އަދި މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް ކަމަށެވެ.

މުޅި ދުނިޔޭގެ ހުރިހަ ބޯޑަރުތައް ބަންދުކޮށް ދުނިޔޭގެ ހުރިހާ ގުޅުންތައް ބުރި ބުރި ކުރަމުންދާ ސުނާމީއެއްގެ ގޮތުގައި ކޮވިޑު ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންނާއި، އުޚުތުން އެނުރައްކަލުގައި އެވަބާގައި ޖެހި، އަޅުގަނޑުމެންނައި ވަކިވެ އަލްވަދާއު ކިޔާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިނުރައްކާތެރި ދަނޑިވަޅުގައިވެސް ދިވެހި ރާއްޖޭގެ ރައްޔިތުން ދައްކަވަމުން ގެންދަވާ ވަރުގަދަ ހިތްވަރާއި، އެކުވެރިކަމަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް