ކޯވިޑް-19އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށް އަލުން ހުޅުވި ފަހުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ލަފާ ކުރެވެނީ މިއަދާއި މާދަމާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފި އެވެ.
އާންމުކޮށް ކޮންމެ އަހަރެއްގެ ޑިސެމްބަރު ފަހު ކޮޅު ނުވަތަ ކްރިސްމަސް އާއި ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ އެވެ. އެގޮތުން ކޯވިޑް ނޫން ހާލަތުގައި މީގެ ކުރީ އަހަރުތަކުގައި މި ދުވަސްވަރު ރާއްޖެއަށް 6،000 އަށް ވުރެ ގިނަ ޓޫރިސްޓުން ކޮންމެ ދުވަހަކު އާދެ އެވެ.
އެމްއޭސީއެލްއިން ބުނީ ބޯޑަރު ހުޅުވި ނިއު ނޯމަލްގައި ހިދުމަތް ދެމުން އަންނަ މި ދުވަސްވަރު އެއަދަދަށް ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކޮށްފައި ނުވާ ކަމަށެވެ. އެކަމަކު ރާއްޖެއަށް މިހާރު އަންނަ ޓޫރިސްޓުންގެ އަދަދަށް ބަލާއިރު ކުރީ އަހަރުތަކުގައި އަންނަ އަދަދަށް ޓޫރިސްޓުން އަންނާނެ ކަމަށް ވަނީ ބެލެވިފައި އެވެ.
އެމްއޭސީއެލްއިން ބުނީ މިއަދު އެކަނިވެސް ވީއައިއޭއަށް 35 ފްލައިޓު ޖެއްސުމަށް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. އަދި އެ ފްލައިޓުތަކުން ކަނޑައަޅާފައިވާ އަދަދަށް ޓޫރިސްޓުން އައިސްފި ނަމަ ރާއްޖެއަށް މިއަދު އެކަނި 6،000 އަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެ އެވެ.
މީގެ އިތުރުން މާދަމާވެސް ރާއްޖެއަންނަ ޓޫރިސްޓުންގެ އަދަދު އުޅޭނީ އެވަރުގައި ކަމަށް ބުނެ އެވެ.
އެމްއޭސީއެލްއިން ބުނީ ނިއު ނޯމަލްގައި އެހާ ގިނަ މީހުންނަށް އެއްފަހަރާ ހިދުމަތް ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ނުޖެހި ހިދުމަތް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 530,000 ޓޫރިސްޓުން ރާއްޖެއަށް އަތުވެއްޖެ އެވެ. ސަރުކާރުގެ މިހާރުގެ ޓާގެޓަކީ މިއަހަރު ނިމުމުގެ ކުރިން 540،000 ޓޫރިސްޓުން ގެނައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް