ދިވެހިންގެ އާދަކާއިގެ ތެރެއިން- ލިބާސްލެއްވުން

ލިބާހަކީ އިހުޒަމާނުގައި އަންހެންވެރީން ލައި އުޅުނު ހެދުމަށް ކިޔާ ނަމެކެވެ. މި ޒަމާނުގައި ދެ ޖިންސުގެ ކުދިންނަށް ޚާއްޞަކޮށް ވަކިވަކިން ހެދުން ތައްޔާރުކޮށްފައި ހުރި ނަމަވެސް އިހުގައި ފެރިހެންކުދިންނެކޭ ...

26 Dec 2020 | 07:06

ލިބާހަކީ އިހުޒަމާނުގައި އަންހެންވެރީން ލައި އުޅުނު ހެދުމަށް ކިޔާ ނަމެކެވެ. މި ޒަމާނުގައި ދެ ޖިންސުގެ ކުދިންނަށް ޚާއްޞަކޮށް ވަކިވަކިން ހެދުން ތައްޔާރުކޮށްފައި ހުރި ނަމަވެސް އިހުގައި ފެރިހެންކުދިންނެކޭ އެއްފަދައިން އަންހެން ކުދީންވެސް ތިބެނީ ވަކި އުމުރަކަށް އެޅެންދެން މުންޑު އަންދަވާފައި ކަމުގައިވެއެވެ. ބައެއް މީހުން ކަނޑިއްކެއް އަންދަވާކަމުގައިވެސް ވެއެވެ. ލިބާސް ލެއްވުން އޮންނަނީވެސް ވަކި އުމުރަކަށް ކުދިން އެޅުމުންނެވެ. އެއީ އެ ޒަމާނުގައި ކުދީން ވަރަށް ބޮޑެތިވަންދެންވެސް ބައިތިއްބަނީ އުނގަނޑުން މަތި ނިވާ ނުކޮށް ކަމުގައިވާތީއެވެ. އެހެންކަމުން ލިބާސް ލައްވާ އުމުރަށް ނުވަތަ ފުރާވަރަށް އަންހެން ދަރީން އެޅުމުން ލިބާސް ލެއްވުން މިއީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އެ ދުވަސްވަރު އައި އިހުތިފާލެކެވެ. އެހެން ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަން ކުރަމުން ދިޔައީ ތަފާތު ގޮތްގޮތަށެވެ.

ލިބާސް ލެއްވުމުގެ ރަސްމިއްޔާތަށް އިރުވަރު ބަލައި މުޅި ރަށުގެ ހަރުމީހުންނަށް ދަޢުވަތުދޭ ކަމަށްވެއެވެ. އެގޮތުން ލިބާސް ލެއްވުމުގެ ރަސްމިއްޔާތަށް އަންހެން ދަރިން ތައްޔާރުކުރުމުގެ ގޮތުން ކުއްޖާ ފެންވަރުވާ ރީތިކުރެއެވެ. އެއަށް ފަހު ކުއްޖާގެ އުނަގަނޑުގައި ފައްޓަރު އަޅުވައެވެ. ފައްޓަރަކީ އިހު ޒަމާނުގައި އުނގަނޑުގައި ނުވަތަ ކަރުގައި އަޅަން ރަންރިހި ފަދަ މަޢުދަނީ އެއްޗަކުން ފަށް ގަތައިގެން ތައްޔާރުކޮށްފައިވާ ފަށެއް ޒާތުގެ އެއްޗެކެވެ. އެއަށްފަހު ރަންފައްޓަރުބައި ކަރުގައި އެޅުވުމުގެ އިތުރުން އަތުގައި އުޅާ އަޅުވައެވެ.

މިގޮތަށް ގަހަނާތައް ބޭނުން ކުރުމަށްޓަކައި އަމިއްލަ ގޭގައި މިފަދަ ތަކެތި ނެތް މީހުން ރަސްމިއްޔާތަށް ޚާއްޞަކޮށް އެހެން ތަންތަނުންވެސް ގަހަނާ ގެނެސް އުޅުނެވެ. ތަނަވަސް މީހުންގެ އަތުން އަނބުރައި ދޭނގޮތަށާއި އަދި ބައެއް ފަހަރަށް ތިމާގެ މީސްމީހުންގެއަތުންވެސް ގެނެސް އުޅުންކަމަށްވެއެވެ.

މިހާރެކޭ އެއްފަދައިން އޭރުގައިވެސް ރަސްމިއްޔާތެއް ކުރިއަށްދާނަމަ ކޮންމެވެސް ބުއިމެއް ނުވަތަ ނާސްތައެއް މެހެމާނުންނަށް އަރުވައެވެ. އެގޮތުން ލިބާސްލެއްވުމުގެ ރަސްމިއްޔާތުގައިވެސް ލުއި ނާސްތާއެއްގެ ގޮތުން ބޮނޑި އަދި ވެށުން ފަދަ ތަކެތި ހުންނަ ކަމަށްވެއެވެ. އެއީ ގަބުޅި ހުނީގައި ދިވެހި ހަކުރު އަޅައިގެން ހިލައިފައި ހުންނަ ކުދި ބޮނޑި ފަދަ ފޮނިކާ ތަކެއްޗެވެ.

ލިބާސްލެއްވުމުގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން އެދުރު ބޭކަލަކު ދުންކިބާ ބަހައްޓައިގެން ޞަލަވާތްކިޔަވައި އޭރުގައި އެ ހަފުލާގައި ކިޔެވުމަށް އެކަށައަޅާފައިވާ އާޔަތްތަކާއި ސޫރަތްތައް ކިޔަވައެވެ. މިގޮތަށް ކިޔަވަމުންގެންދާއިރުގައި ކުއްޖާ ލެއްވުމަށް ތައްޔާރުކޮށްފައިވާ ލިބާސް ހެދުމަށް ދުންބުރުވައެވެ. އަދި މި ކިޔެވެލި ކިޔަވަމުންދާއިރުގައި އެދުރުބެއްޔާ އަންހެންކުއްޖާގެ ބޮލަށް ލިބާސް ވައްޓަލާކަމަށް ވެއެވެ. މިގޮތަށް މަތިމައްޗަށް 5 ލިބާސް ލައްވާ ނިމުމުން އެދުވަހުގެ ހަވީރުގައި ގޭގެއަށް ބޮނޑިއާއި ބޮނޑިބަތް ހިމެނޭހެން ހަދިޔާ ފޮނުވައެވެ.

ލިބާހުގެ ރަސްމިއްޔާތު ނިމުމުން ރަށުގެ ތަނަވަސް މީހެއް ނަމަ  އެދުވަހުގެ ރޭގަނޑު އިޝާގެ ފަހުން ރަށުގެ ބޮޑެތި މީހުންނަށް ޖާފަތެއް އަރުވައެވެ.

ރަސްމީގޮތުން ލިބާސްލެއްވުމުން އަންހެންކުދިން ދެން އުޅެނީ ގައި ނިވާކޮށްގެން ކަމުގައިވެއެވެ. ލިބާސްލެއްވުމުގެ ރަސްމިއްޔާތު ނިންމުމުގެ ގޮތުން, އަންހެންކުއްޖާއާއި ކައިވެނި ކުރަން އެދޭ ފިރިހެނާ އައިސް ދުންކިބާ ކުރިކަނޑައި ހަންހެންކުއްޖާ ކުރިމަތީގައި ހުއްޓެއެވެ. އެގޮތުން އެ ހުއްޓޭ ފިރިހެނާއާ އަންހެންކުއްޖާ ރުހޭނަމަ އެ ދެމީހުންގެ ކައިވެނި ކުރެވެއެވެ.

މިއީ އިހުގައި ދިވެހިންގެ އާދަކާދައިގެ ތެރެއިން ވަރަށް މަޝްހޫރު އަދި ރަނަގަޅުކަމެއް ކަމުގައި އެންމެން ޤަބޫލުކުރަމުން އައި ކަމެކެވެ. "ބޮލުން ވައްޓާލި ލިބާހާއެކު" މީހަކާ އިނދެގެން އުލޭކަމަށް އައިސްފައި އޮންނަ މިސާލީ ބަސް ނިސްބަތްވަނީ ދިވެހިންގެ މި އާދަކާދައަށްކަމުގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް