ސުނާމީ އެރި ދުވަހު ފެނުނު ގަބޫލުކުރަން ދަތިވި މަންޒަރާއި އިވުނު އަޑު!

2004، ޑިސެމްބަރު 26 ގައި ރާއްޖެއަށް ސުނާމީ އެރިކަން އެނގުނީ އެދުވަހުގެ ގާތްގަނޑަކަށް 11:00 ހާއިރު އެވެ. ގޭގައި އުޅެނިކޮށް އެ ދުވަހު ލިބުނީ ހާލުގައި ޖެހިގެން ރަށްރަށުން މާލެ ގެންނަ މީހުންނަށް އެހީވާން ...

26 Dec 2020 | 05:12

2004، ޑިސެމްބަރު 26 ގައި ރާއްޖެއަށް ސުނާމީ އެރިކަން އެނގުނީ އެދުވަހުގެ ގާތްގަނޑަކަށް 11:00 ހާއިރު އެވެ.

ގޭގައި އުޅެނިކޮށް އެ ދުވަހު ލިބުނީ ހާލުގައި ޖެހިގެން ރަށްރަށުން މާލެ ގެންނަ މީހުންނަށް އެހީވާން ކޮންމެސް ސްކޫލަކަށް ދާން ފުރުސަތެވެ. ސްކޫލްގައި އުޅުނު ދުވަސްވަރަށްވެފައި ޗުއްޓީ ދުވަސްވަރަކަށް ވުމުން ލިބުނު ފުރުސަތުގައި މީހުންނަށް އެހީވާން ދިޔައީ އުފަލުން އެ މަސައްކަތް ކުރާހިތުންނެވެ.

ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ދާން ޖެހުނީ މަޖީދިއްޔާ ސްކޫލަށެވެ. އެތަނަށް ގޮސް އަހަރެންގެ ބެލެނިވެރި ޖަމިއްޔާ އާއި ހަވާލުވި އިރު އެކުގައި މަސައްކަތް ކުރަން އެތައް ސްކޫލެއްގެ ކުދިން ގޮސް ތިއްބެވެ. އެ ސްކޫލްގައި ތިބީ ތ. އަތޮޅާއި ކ. އަތޮޅުގެ ރަށްތަކަކަށް ނިސްބަތްވާ މީހުންނެވެ.

އަހަރެން އެ ސްކޫލަށް ދިޔަ ފަހުންވެސް ބައެއް މީހުން ގެނައެވެ. އެމީހުން ތިބި ގޮތް ފެނިފައި ދެރަވެ ލޮލުން ކަރުނަ އައެވެ. އެމީހުން ތިބި ހާލު ފެނިފައި ޔަގީންވީ ސުނާމީގެ އެއްވެސް އިހުސާސެއް އަހަރުމެންނަށް ނުކުރެވޭ ކަމެވެ.

ފުރަތަމަ މަސައްކަތަށްވީ ތުއްތު ކުދިން ގޮވައިގެން  އުޅޭ މައިންނާއި އެކު އެހީވެ އެމީހުންނަށް ބޭނުންވަނީ ކޮންކަމެއްތޯ އޮޅުން ފިލުވައި ރޯ ކުދިން ހުއްޓާލައްވަން މަސައްކަތް ކުރުމެވެ. އެ މަސައްކަތުގެ އުޅުނު އިރު ސުނާމީ އެރި ވަގުތު ވީގޮތާއި ގުޅޭގޮތުން ސުވާލު ކުރުމުން އެމީހުން ކިޔައިދިން ވާހަކަތަކުން ވަރަށް ދެރަވި އެވެ.

މިހެން ލިޔެލިޔަސް އެމީހުން އެވަގުތު ކުރާނެ ވަރުގެ ހިތްދަތި އިހުސާސެއް ސުނާމީ އެރިކަން ނޭނގޭ ނުވަތަ ރާޅު އަރައިގެން އައިތަން ލޮލުން ނުފެންނަ ބަޔަކަށް ނުވާނެ އެވެ. އެކަމަކު އެމީހުން އެދުވަހު ހެނދުނު ތަޖުރިބާ ކުރި ބިރުވެރިކަމާއި ނާމާން ކަން މެންދުރު ފަސް ވިރިއު ފިލައިގެން ދިޔުމުން ހަމަ ހައިރާންވިއެވެ.

ކުއްލިއަކަށް ހާލުގައި ޖެހިގެން ބަޔަކު ގެންނަން ޖެހުމުން ކެއުމާއި އަންނައުނު ހަމަޖެހޭ ގޮތް ނުވިޔަސް ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި އާންމުން ހަދިޔާ ކުރި ތަކެތި އެ ދުވަހުގެ މެންދުރު ފަސް ވާންވިއިރު ލިބެން ފަށައިފި އެވެ. އެކަމަކު އެހާއިރު ވިއިރު އަހަރުމެންގެ ކަންފަތަށް ހާލުގައި ޖެހިގެން ގެނެސްތިބި މީހުންގެ ޝަކުވާގެ އަޑު ނޫން އެއްޗެއް ނީވެ އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އާންމުން ހަދިޔާ ކުރި އަންނައުނު މާ ބޮޑަށް ބާވެފައި ހުރި ނަމަ ބަލައެއް ނުގަނެވެ. އެކަމަކު ބައެއް މީހުން ވަނީ ލާން ލިބުނު އަންނައުނު ކަމުނުތާދީ ޝަކުވާ ކޮށްފައި އެވެ. އަދި އަންނައުނުގެ ފެންވަރާއި މެދު ސުވާލު އުފައްދާފައިވާއިރު ބައެއް ޒުވާނުން ވަނީ މީހުން ހަދިޔާ ކުރި އަންނައުނުގެ ތެރޭގައި ޖިންސު ނެތިގެން ޖިންސެއް ލިބެންދެން މަޑުކުރާނީ ކަމަށް ބުނެފައި އެވެ.

ދެން ފެނުނު އަނެއް މަންޒަރަކީ ކާގަޑި ޖެހުމުން ކާއެއްޗެހި ތައްޓަށް އަޅައިގެން ކައިރިއަށް ގެންގޮސް ދިނުމުން ނުކާނަމޭ ބުނިތަނެވެ. ކީއްވެކަން އެނގޭ ހެއްޔެވެ. ގަރުދިޔަ އާއި ބަތް ނުވަތަ މުގުރިހަ ކާން ހުރުމުންނެވެ. މިހެން ގޮސް އެއް ތަނެއްގައި ދެ މަފިރިން ނިދަން ޖެހުމުގެ މައްސަލަވެސް ބައެއް މީހުން ޖެއްސި އެވެ.

ސުނާމީގެ އަސަރު ނުކުރަނީ ރާއްޖޭގެ ވަރަށް މަދު ރަށަކަށެވެ. ސުނާމީގެ ސަބަބުން މުއްސަނދި ގައުމުތަކާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އެހީ ސުނާމީގެ އަސަރު ކުރި ރަށްތަކަށް އޮހުނީ އެވެ. އެ ރަށްރަށުގެ މީހުން ސިފަ ކުރި ގޮތުގައި ސުނާމީ އަކީ އެ ރަށްރަށަށް އެރި ނަސީބު ރާޅެކެވެ.

ހާލުގައި ޖެހުނު ބައެއް މީހުންގެ ފަރާތުން މިފަދަ ކަންކަން ފާހަގަ ވިޔަސް އެ ދުވަހު ދިވެހިން ދައްކައިދިނީ އެއްބައިވަންތަ ކަމުގެ މިސާލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް