ރޯހަންޕްްރީތްގެ "އެކްސް ކޯލިން" ލަވައިގެ ފަހަތުގައި ނޭހާގެ ބާރުގަދަކަން!

ބޮލީވުޑްގެ ލަވަކިޔުންގެ ތެރެއިން މި ދުވަސްވަރު އެންމެ ހިނގަނީ ރޯހަންޕްރީތް ސިންގް އާއި ނޭހާ ކައްކަރުގެ ދެމަފިރިންގެ ވާހަކަ އެވެ. މި ދެ ލަވަކިޔުންތެރިން ކައިވެނި ކުރީ މިދިޔަ އޮކްޓޯބަރު 24 ވަނަ ދުވަހު އ...

26 Dec 2020 | 04:38

ބޮލީވުޑްގެ ލަވަކިޔުންގެ ތެރެއިން މި ދުވަސްވަރު އެންމެ ހިނގަނީ ރޯހަންޕްރީތް ސިންގް އާއި ނޭހާ ކައްކަރުގެ ދެމަފިރިންގެ ވާހަކަ އެވެ.

މި ދެ ލަވަކިޔުންތެރިން ކައިވެނި ކުރީ މިދިޔަ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. އެންގޭޖް ވުމާއި ހިސާބުން ފެށިގެން ކައިވެންޏާއި ހަނީމޫން ނިމި ކައިވެންޏަށް ދެ މަސް ވީއިރުވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ފެންނަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުގައި ދެ މާނައެއް އެކުލެވޭކަން އެނގެނީ ކޮންމެ ފަހަރަކު ކަން ވެ ނިމުމުންނެވެ.

އެ ދެ ލަވަކިޔުންތެރިންގެ ކައިވެނި ބޮޑަށް މަޝްހޫރުވީ ހެދުން ބަދަލު ކުރުމާއި ތަފާތު އާ ލަވަތަކެއް ދެމަފިރިންގެ ކައިވެނީގެ އެކި ރަސްމިއްޔާތުތަކުގައި ކިޔައިގެން ނެވެ. ފަހުން އެނގުނު ގޮތުގައި ކައިވެނީގެ އިތުރުން އެ ހަފްލާތަކުގެ ތެރޭގައި އެމީހުން ރިލީޒް ކުރި ލަވަތަކުގެ ވީޑިއޯ ނަގަމުން ދިޔަ ކަމެވެ.

އެންމެ ފަހުން ފެނިގެން ދިޔައީ ނޭހާ ބަނޑުބޮޑުކޮށް ރޯހަންޕްރީތް އާއި އެކު ނަގާފައިވާ ފޮޓޯ އެކެވެ. އެއާއެކު އާންމުންނާއި އިންޑިއާގެ މީޑިއާ ކެކި އުތުރި އަރައި އެއީ ކައިވެނީގެ ބޭރުން ލިބޭ ދަރެއް ކަމަށް ބުނެ އެތައް މަލާމާތެއް ކުރި ފަހުން އެނގުނީ އެވެސް އެމީހުންގެ ލަވައެއްގެ ޕޯސްޓަރު ކަމެވެ.

މިފަހަރު އަނެއްކާވެސް ހަމަ އެކަހަލަ ވާހަކައެެކެވެ. އޮކްޓޯބަރު މަހު ރިލީޒް ކުރި ރޯހަންގެ ލަވަ އަލްބަމްގައި "އެކްސް ކޯލިން" ކިޔާ ލަވައެއް ހިމެނެ އެވެ.

އެ ލަވައިގެ ހަގީގަތް ހޯދުމަށް ޓީވީ ޝޯއެއްގައި ސުވާލު ކުރުމުން ނޭހާ ބުނީ އެއީ އޭނާ ރޯހަން ލައްވާ ގަދަކަމުން ކުރުވި ކަމަކުން ރޯހަން ހެދި ލަވައެއް ކަމަށެވެ. އޭގެ ތަފްސީލް ދެމުން ބުނީ ދެމީހުން ކައިވެނި ކުރަން ނިންމާ އެކަން މީޑިއާއަށް ތިލަވުމުން ރޯހަންގެ ކުރީގެ ލޯބިވެރިޔާ މެސުޖުކޮށް ހަދަން ފެށުމުން އޭނާ އަންފޮލޯ ކުރުމަށް ރޯހަންޕްރީތަށް މަޖުބޫރު ކުރިވި ކަމަށެވެ.

އެ ލަވައިގެ ޕޯސްޓަރު އާންމު ކުރިއިރު ނޭހާ ވަނީ ރުޅި މޫނު ދައްކާ އިމޯޖޯއެއް ކެޕްޝަންގައި ޖަހާފައި އެވެ. އެ ޕޯސްޓަށް ކުރި ކޮމެންޓެއްގައި ރޯހަންޕްރީތް ވަނީ އޭނާގެ އެއްވެސް ކުށެއް ނެތް ކަމަށާއި ކުށެއް ނުކުރާ ކަމަށް ހުވާ ކޮށްފައި އެވެ.

އިތުރަށް އެ ޝޯގައި ވާހަކަ ދައްކަވަމުން ނޭހާ ބުނީ އެ ދެމީހުން ފުރަތަމަ ބައްދަލުވެ ރަސްމީ މަސައްކަތުގެ ބޭރުން ވާހަކަ ދައްކަން ފެށީ ލޮކްޑައުން ތެރޭގައި މިއަހަރު އޮގަސްޓުގައި އޮތް ލަވައެއްގެ ޝޫޓިން ތެރެއިން ކަމަށެވެ. އޭގެ ފަހުން ރޯހަންޕްރީން އޭނާއަށް މެސެޖުކޮށް ލޯބީގެ ވާހަކަ ދައްކަން ފެށުމުން ބޭނުން ވަނީ ދާއިމީ ގުޅުމެއް ކަމާއި ކައިވެނި ކުރުން ނޫން ގުޅުމެއް ބޭނުން ނުވާކަމަށް ނޭހާ ސާފުކޮށް ބުނި ކަމަށެވެ.

އެހެން ބުނުމުން ދެމީހުންގެ ގުޅުން ދެތިން ދުވަހަށް މެދުކެނޑުމަށްފަހު ކުއްލިއަކަށް ރޯހަންޕްރީތް ބޭނުންވަނީ ކައިވެނި ކުރަން ކަމަށް ބުނެ ގުޅުމުން އިތުރަށް ދެމީހުންގެ ގުޅުން ބަދަހި ކުރަން ފެށީ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް