ﷲގެ ހެޔޮ ރަހުމަތުން ދިވެހީންނަކީ ތޫފާންތަކާއި ގުދުރަތީ ކާރިސާތަކުގެ ތަޖްރިބާ މަދު ފަހަރަކު ނޫނީ ކޮށްފައި ނުވާ ބައެކެވެ. ދުނިޔޭގެ މެދުގައި ފިނިހޫނުމިން އެއްވަރު ވައިފެން ރަނގަޅު ރީތި ދޮންވެލީގެ ރަށްތަކެއްގައި ދިރިއުޅުމުގެ ނަސީބު ލިބިފައިވުމަކީ ދިވެހީންގެ ހެޔޮ ނަސީބެވެ. ބިންހެލުމާ ފެންބޮޑުވުމާ މި ނޫނަސް މިފަދަ ގުދުރަތީ ކާރިސާ ތަކަކީ ދިވެހިންނާ ބީރައްޓެހި ކަންކަމެވެ.
މި އަމާންވެށީގައި ދިރިއުޅެމުންއައި ދިވެހިންނަށް 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަސް ކުރިމަތިކުރުވީ ދުވަހަކުވެސް ތަޖްރިބާ ނުކުރާ ފަދަ އާކަމެއް މެދުވެރި ކުރުވި ދުވަހަކަށެވެ. ކުއްލި ހައިރާން ކަމަކާއެކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުން ގެއްލި ދިޔަ ހިތާމަވެރި ނާމާން ކާރިސާއެއް މެދުވެރި ކުރުވި ދުވަހެވެ. އެދުވަހަކީ ދިވެހިންނަށް ބިޔަ ރާޅެއްގެ ނުރައްކާތެރިކަމާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހުނު ދުވަހެވެ.
ދިވެހިރާއްޖޭގެ ތާރީހުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ މުސީބާތަކީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ އަށް ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާ އެވެ.
މި ކާރިސާގައި ދިވެހިރާއްޖެ އިން 82 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ އިރު 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިކަމަށް ސަރުކާރުގެ ރަސްމީ ރިޕޯޓުތަކުން ދައްކާ އިރު، ގެދޮރު ގެއްލުނު މީހުންގެ އަދަދު 15000 އަށްވުރެ މައްޗެވެ. އިންޑޮނޭޝިޔާގެ ކައިރިން ކަނޑުގެ އަޑިޔަށް ރެކްޓާ މިންގަނޑުން 9.1 އާއި 9.3ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު މި ސުނާމީގެ ސަބަބުން ދިވެހިރާއްޖޭގެ އެތައް ބަޔަކު ހާލުގައި ޖެހުނު އިރު، އެ ފަރާތްތަކަށް އެހީވުމުގައި ދިވެހީން ދައްކާފައި ވަނީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ މަތިވެރި ރޫހުގައި ތިބިކަމެވެ.
މިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަކީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ހަމަޖައްސަވަން 16 ޖަނަވަރީ 2005 ގައި ވަޒީރުންގެ މަޖިލީހުން ނިންމެވި އެވެ. ހަމަ މި ޖަލްސާގައި ވަޒީރުންގެ މަޖިލީހުން ވަނީ ސުނާމީ ކާރިސާއާ ގުޅިގެން އެކަމުގެ ހިތާމަ ފާޅުކުރުމުގެ ގޮތުން ދިވެހި ގައުމުގެ ދިދަ، 30 ދުވަސް ވަންދެން ބައި ދަނޑިއަށް ތިރިކުރުމަށް ވެސް ނިންމަވައިފަ އެވެ.
ދިވެހިންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަ ކުރީ 26 ޑިސެންބަރު 2005 ވީ ހޯމަ ދުވަހު އެވެ. އެއީ މީގެ 16 އަހަރު ކުރިންނެވެ. އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތައް ފެށިފައި ވަނީ 2005 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެ ފަތިސް ނަމާދަށް ފަހު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރި ހާއްސަ ދުއާއަކަށް ފަހު އެވެ. އަދި ރާއްޖެ އަށް ސުނާމީ އެރި ވަގުތުކަމަށް ރެކޯޑު ކުރެވިފައިވާ ވަގުތު ކަމުގައިވާ 9 ގަޑި 20 މިނެޓުގައި ސުނާމީގެ ސަބަބުން ކުރިމަތިވި ހިތާމަވެރި ކާރިސާގެ ހަނދާން އައު ކުރުމުގެ ގޮތުން އެއް މިނެޓުގެ ސުކޫތެއް ގެނެވުނެވެ.
ސުނާމީއަށް ފަހު އަނެއްކާ ވެސް މިއަދު އައު އަހަރެއް ގުނިގެންދަނީ އެވެ. ސުނާމީގެ ސަބަބުން މުޅީން އަލަށް ތަޖްރިބާ ކުރެވުނު އެތައް ކަމެއް މާޒީގެ ތެރެއަށް ގެއްލިގެން ގޮސްފައިވާ އިރު، ކޮންމެހެން ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ޒިކުރާ އައު ކުރުމަކީ މުހިންމު ކަމެކެވެ.
ސުނާމީގެ ސަބަބުން ރާއްޖޭގެ ތިން ރަށެއް މުޅީން ފަޅުވި އެވެ. އެއީ ރ. ކަނދޮޅުދޫ އާއި މ. މަޑިފުށްޓާއި ދ. ގެމެންދޫ އެވެ. އަދި ހަމަ އެހެންމެ ކުރީން ފަޅު ރަށެއްގެ ގޮތުގައި އޮތް ރ. ދުވާފަރު، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަ ޖެހިގެން ދިޔަ އެވެ. އެއީ ސުނާމީގެ ސަބަބުން މީހުން ބަދަލު ކުރަން ޖެހުނު ރ. ކަނދޮޅުދޫ މީހުން އާބާދު ކުރުމަށެވެ. މ. މަޑިފުށީ މީހުން އދ. މާމިގިލީގައި ވަޒަންވެރި ކުރެވުނު އިރު ދ. ގެމެންދޫ މީހުން ވަޒަންވެރި ކުރެވުނީ އެ އަތޮޅު ކުޑަހުވަދޫގަ އެވެ.
ސުނާމީއަކީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ނުރައްކާތެރި ގެންލުންބޮޑު ކާރިސާއެވެ. ރެކޯރޑް ކުރެވިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކުރިއެވެ. ރާއްޖޭގެ 20 އަތޮޅުން ގެއްލުނު މީހުންނާއެކު 108 މީހުން މަރުވިއެވެ. އެއީ ރާއްޖޭގެ ރިސޯޓަކުން މަރުވި ދެ ފަތުރުވެރިޔަކާވެސް އެކުގައެވެ.
ސުނާމީގައި އެތައް ބައެއްގެ މުދަލާއި ގެދޮރާއި ދިރިއުޅުން ގެއްލިގެން ދިޔައެވެ. ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީ 10 އަހަރު ފަހަތަށް ސޮއްސާލިއެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް އިންތިހާ ބޮޑު ގެއްލުމެއް ލިބިގެންދިޔައެވެ. ސުނާމީ ކާރިސާގެ ގެއްލުން ސިދާ ގޮތުން ރާއްޖޭގެ އެއްލައްކައެއްހާ މީހުންނަށް ކުރިކަމަށް ރެކޯރޑް ތަކުން ދައްކައެވެ. އެއީ އޭރު ރާއްޖޭގެ އާބާދީގެ ތިންބައިކުޅައެއްބައެވެ. ސުނާމީގައި ރާއްޖެއަށް ލިބުނު ގެއްލުމުގެ ޖުމުލަ ޢަދަދު 460 މިލިއަން ޑޮލަރަށް އަރާނެކަމަށް އޭރުގެ ރެކޯރޑްތަކުން ދައްކައެވެ. އެއީ ގާތްގަޑަކަށް ޖީޑީޕީ 62 އިންސައްތައެވެ.
ސުނަމީގައި 12000 މީހުންގެ ގެދޮރު ގެއްލި 8500 މީހުން ވަގުތީ ހިޔާތަކުގައި އުޅެންޖެހުނެވެ. ރާއްޖޭގެ އެތައްރަށަކުން ކަރަންޓްގެ ޚިދުމަތާއި މުއާސަލާތީ ޚިދުމަތް މެދުކެނޑިގެން ދިޔައެވެ. ސުނާމީ ކާރިސާގައި މުއާސަލާތީ ޚިދުމަތް މެދުކެނޑުމުން އެއްބަޔަކަށް އަނެއް ބައެއްގެ ޙާލަތު އެނގޭނެ ގޮތެއް ނެތި ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. ބައެއް ހިސާބުތަކުން ހާލުގައި ޖެހުނު މީހުން ޖެހިގެން އޮތް ރަށަށް އެހީތެރިކަން ހޯދަން ދިޔައިރު އެރަށުގެ ހާލުވެސް ހަމަހުރީ އެއް ހާލަތެއްގައެވެ. މުއާސަލާތީ ޚިދުމަތް މެދުކެނޑުމުން ހާލުގައި ޖެހުނު މީހުންގެ ހާލަތު ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ.
ސުނާމީގައި ކާރިސާގައި ރާއްޖޭގެ ދެރަށެއް ވަނީ މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވެ ގޮސްފައެވެ. އެއީ ރ. އަތޮޅު ކަނދޮޅުދޫއާއި ތ. އަތޮޅު ވިލުފުށްޓެވެ. ވިލުފުށީގައި އަލުން އަލުން މީހުން އާބާދުކޮށްފައިވަނީ އެރަށުގެ ފަޅު ހިއްކައި ކުރިން އޮތް ވިލުފުށްޓަށްވުރެ އެތައް ގުނަ ބޮޑު ރަށެއްގެ ގޮތުގައެވެ. ވިލުފުށި އަލުން އާބާދުވުމާ ހަމައަށް ގިނަ މީހުން އުޅުނީ ބުރުނީގައި ހެދި ވަގުތީ ހިޔާތަކުގައެވެ. ބައެއް މީހުން މާލެއަށްވެސް ބަދަލު ވިއެވެ. އަދި ކައިރި އެހެން ރަށްރަށުގައިވެސް އުޅުނެވެ. ކަނދޮޅުދޫ މީހުން އަލުން އާބާދުކޮށްފައިވަނީ އެއަތޮޅު ދުވާފަރުގައެވެ.
ކޮންމެއަކަސް މި ދުވަހުގެ ބިރުވެރި ހަނދާންތައް ދިވެހީންގެ ހިތްތަކުން އަދިވެސް ނުފިލައެވެ. އެދުވަހު ސުނާމީގެ ހިތި ތަޖުރިބާ ކުރަން ޖެހުނު ދިވެހީން އަދިވެސް އެ ހަނދާންތައް އާކޮށް އެމީހުންގެ ލޯތަކުން ކަރުނަ އޮހޮރަމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް