ކޯވިޑް-19 ގެ ވެކްސިން ދިނުމަށް ތައްޔާރުވުމުގެ ގޮތުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ މައުލޫމާތު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެއްކުރަން ފަށައިފި އެވެ.
އެޗްޕީއޭއިން ވަނީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް މެދުވެރިކޮށް، މި މައުލޫމާތު ހޯދުމަށް އިއުލާން ކޮށްފައިވެ އެވެ. އެގޮތުން އަތޮޅު ތެރޭގެ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަކުން ވަނީ ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ މައުލޫމާތު އެ ތަންތަނާއި ހިއްސާ ކުރުމަށް އެދިފައި އެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ކޯވިޑް-19 ގެ ވެކްސިން ކެމްޕެއިން ހިންގުމަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ދެނެގަނެ، ރެޖިސްޓްރީ ކުރުމަށް ޓަކައި އެފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
ބޮޑެތި ބަލިތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ހަކުރު ބަލި، ކެންސަރު ބަލ،ި ހަނދާން ނެތޭ ބަލި، ހިތުގެ ބަލި، ފުރަމޭގެ ބަލ،ި ފުއްޕާ މޭގެ ބައްޔެވެ. އަދި ވާގިނެތުމާއި، ދާނުގައި ތިބޭ މީހުންނާއި އެމީހުންގެ އެހީތެރިން، ފަލަ މީހުންނާއި ތެލެސީމިއާ/ ލޭ އަޅާ ބަލީގެ މީހުންގެ އިތުރުން ކިޑްނީ ބައްޔާއި އެއިޑްސް ބަލީގެ މީހުންނެވެ.
ކޯވިޑް-19 ވެކްސިން ނެރުމާއި އެކު ރާއްޖެ ބައިވެރިވެފައިވާ ޑަބްލިޔުއެޗްއޯއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ވެކްސިން ލިބޭނެ އެވެ. އެޗްޕީއޭއިން ބުނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖޭގެ އަބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ ކަމަށެވެ.
ހިލޭ ލިބޭ 20 ޕަސެންޓު ވެކްސިން ފުރަތަމަ ދިނުމަށް ނިންމާފައިވަނީ ތިން ބަޔަކަށެވެ. އެއީ އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އިތުރުން ދިގު މުއްދަތަކަށް ފަރުވާ ހޯދަމުންދާ ބޮޑެތި ބަލިތަށް ޖެހިފައިވާ މީހުންނެވެ.
އެޗްޕީއޭއިން ލަފާ ކުރާގޮތުަގައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް ކޯވިޑް ވެކްސިން ލިބި ވެކްސިން ދޭން ފެށޭވަރު ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް