އަންނަ އަހަރު ކުރީ ކޮޅު ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފެށޭނެ: ޑރ. ނަޒްލާ

އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކޯވިޑް-19 ވެކްސިން ލިބިގެން ވެކްސިން ދޭން ފެށޭވަރު ވާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަ...

26 Nov 2020 | 17:35

އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ކޯވިޑް-19 ވެކްސިން ލިބިގެން ވެކްސިން ދޭން ފެށޭވަރު ވާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާރު ވެކްސިން ތަކުގެ ތަހުގީލުތައް ކުރިޔަށްދާ ގޮތަށް ބަލާއިރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި، ވެކްސިން ލިބޭނީ އެކި ބެޗުތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑް-19 ގެ ވެކްސިން ދިނުމާއި ގުޅޭގޮތުން ކަންކަން ނިންމުމަށް ނެޝަނަލް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތް ރާވާ އިންތިޒާމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ވެކްސިން ލިބުމުގެ ކުރިޔަށް ނިންމަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އެގޮތުން ވެކްސިން ރައްކާކުރާނެ ނިޒާމެއް ގާއިމް ކުރުމާއި ވެކްސިން އަތޮޅުތެރެއަށް ފޯރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިތުރުން ވެކްސިން ފުރަތަމަ ދޭނެ މީހުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ވެކްސިން ރާއްޖެއަށް ލިބެންވާއިރަށް މިހުރިހާ އިންތިޒާމެއް ހަމަޖައްސައި ނިންމޭނީ ވެކްސިން ލިބެންދެން ކޯވިޑްގެ އިތުރު އައުޓް ބްރޭކެއް ނައިސް ކުރިޔަށް ދެވިއްޖެ ނަމަ ކަމަށެވެ. ޑރ ނަޒްލާ ވިދާޅުވީ އަނެއްކާވެސް ކޯވިޑް ފެތުރުން އިތުރުވާނެ ބައެއް އަލާމާތްތައް ފެންނަމުން ދާއިރު އިތުރަށް ބަލި ފެތުރިއްޖެ ނަމަ ސިއްހީ ދާއިރާގެ އެހެން ކަންކަން ކުރުމަށް ކޮންމެސް ވަރެއްގެ މަޑުޖެހުމެއް އަންނާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑް-19ގެ ވެކްސިންތަކާއި ގުޅޭ އިތުރު މައުލޫމާތު އާންމުންނަށް ވަރަށް އަވަހަށް ހާމަ ކޮށްދޭން ފަށާނެ ކަމަށެވެ.

ރާއްޖެ ބައިވެރިވެފައިވާ ޑަބްލިޔުއެޗްއޯއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ކޯވިޑް ވެކްސިން ހިލޭ ލިބޭޭނެ އެވެ. އެ 20 ޕަސެންޓު ވެކްސިން ފުރަތަމަ ދިނުމަށް ކަނޑައަޅާފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް މީގެ ކުރިން އެޗްއީއޯސީން ބުނެފައިވެ އެވެ.

އެޗްޕީއޭއިން މިއަދު ވަނީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ރަށްރަށުގައި ތިބި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައި އެވެ. އެގޮތުން އަތޮޅު ތެރޭގެ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަކުން ނެރުނު އިއުލާނުގައި ވަނީ ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ މައުލޫމާތު އެ ތަންތަނާއި ހިއްސާ ކުރުމަށް އެދިފައި އެވެ.

މިހާތަނަށް ރާއްޖެއިން 12،000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވާއިރު 11،000 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 46 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް