ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ "ބެސްޓް އެވޯޑްސް" އަންނަ މަހު 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، މި އެވޯޑަށް 11 ކުޅުންތެރިއަކު ވަނީ ނޮމިނޭޓް ވެފައެވެ. މި11 ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ކުރަމުން އަންނަ އާޖެންޓީނާއާއި ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީއާއި ޕޯޗުގަލް އާއި ޔުވެންޓަސްގެ ތަރި ކްރިސްޓީއާނޯ ރޮނާލްޑޯ ހިމެނިއްޖެއެވެ.
މެސީއާއި ރޮނާލްޑޯ މިފަހަރުވެސް މި އެވޯޑްއަށް ނޮމިނޭޓް ވިއިރު، މި ދެ ކުޅުންތެރިންނަކީ ގަވައިދުން މި އެވޯޑަށް ނޮމިނޭޓް ވަމުން އަންނަ ދެކުޅުންތެރިންނެވެ. މި އެވޯޑްއަކީ 2016 ވަނަ އަހަރުން ފެށިގެން ފީފާއިން ދެމުން އަންނަ އެވޯޑްއެކެވެ.
ރޮނާލްޑޯ މި އެވޯޑް ދެފަހަރެއްގެ މަތިން ހޯދާފައިވާއިރު، މެސީއަށް މި އެވޯޑް ލިބިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ އެންމެ ފަހުން 2019 ވަނަ އަހަރު ދިން އެވޯޑެވެ.
ރޮނާލްޑޯ އަދި މެސީގެ އިތުރުން ދެން މި އެވޯޑަށް ނޮމިނޭޓް ވެފައިވަނީ ބަޔާންގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ، ތިއާގޯ އަލްކަންޓާރާ، ޑިބްރެއިނާ، އެމްބަޕޭ، ނޭމާ، ސާޖިއޯ ރާމޮސް، ސަލާހު އާއި ވެންޑައިކްއެވެ.
މިއަހަރުގެ ފީފާގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ފީފާ އިން އިތުރު ގިނަ އެވޯޑްތަކެއް ދެ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗުގެ އެވޯޑާއި އެންމެ މޮޅު ގޯލަށްދޭ ފީފާ ޕުސްކަސް އެވޯޑާއި ފީފާ ފޭން އެވޯޑާއި ފީފާ ފެއާ ޕްލޭ އެވޯޑް އަދި ފީފާގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ހޮވާ ފީފާ ޕްރޯ އިލެވެން ހިމެނެ އެވެ.
ބެސްޓް އެވޯޑްސް ފެށުމަށް ފަހު ފީފާ އިން ގެނައި އެންމެ މުހިއްމު ބަދަލަކީ ސަޕޯޓަރުންނަށް ވޯޓު ލެވޭ ގޮތް ހެދުމެވެ. ސަޕޯޓަރުންގެ ވޯޓު ނަގާނީ މުޅި ދުނިޔެއިން ހޮވާލެވޭ 200 މީޑިއާއެއްގައި ސެޓް ކުރާ ވޯޓިން ޕޯލްތަކުންނެވެ. ފީފާގެ އެވޯޑުގައި ދެން ވޯޓު ލާނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ހޮވާލެވޭ ނޫސްވެރިންނެވެ.
ފީފާ ބެސްޓް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން ވެސް ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެމުން އައި ނަމަވެސް 2010 އިން 2015 އަށް ފީފާ އިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑާ ގުޅިގެންނެވެ.
މި އަހަރުގެ އެވޯޑް ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިއަކީ ޖަރުމަނުގެ ބަޔާން މިއުނިކާ އެކު ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް