ހައި ކޯޓާއި ކްރިމިނަލް ކޯޓަށް އިސްފަނޑިޔާރުން އައްޔަން ކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައިވަނީ އެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން މާލެ، ގ. ޑޭޒީފެހި އަލްއުސްތާޒުު ހާތިފް ހިލްމީ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހަމަކަށް އައްޔަން ކުރީ އއ. ފެރިދޫ ސިޔާމާމަންޒިލް، އަލްއުސްތާޒު އަހުމަދު ޝަކީލު ކަމަށް ޖޭއެސްސީން ބުނެ އެވެ.
މިއަދު ޖޭއެސްސީގައި އޮތް ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުވީ އެ ކޮމިޝަނުގެ ރައީސް ހިސާން ހުސައިންނެވެ. ޖޭއެސްސީން ބުނީ މި ދެބޭފުޅުން މަގާމަށް އައްޔަން ކުރަން ނިންމީ "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަވިއު ކުރުމަށް ފަހު ކޮމިޝަނަށް އެ ގޮތަށް ލަފާ ދިނުމުން ކަމަށެވެ.
ފަނޑިޔާރު ހާތިފް އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން ބެޗެލާ އޮފް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހާތިފް 10 އަހަރު މަސައްކަތް ކުރައްވާފައިވާ އިރު ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި އެއް އަހަރު މަސައްކަތް ކުރައްވާފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމަށް އައްޔަން ކުރެއްވި ޝަކީލަކީ ވިލާ ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާސް އިން ޝަރީއާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޝަކީލު ވަނީ ފަނޑިޔާރު ކަމުގެ މަގާމުގައި 17 އަހަރު ދުވަހު މަސައްކަތް ކުރައްވާފައި އެވެ.
ޝަކީލް ފަނޑިޔާރުކަން ކުރެއްވި ކޯޓުތަކުތަކުގެ ތެރޭގައި ޖުވެނައިލް ކޯޓު، ސިވިލް ކޯޓު، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓު ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް