ރުގްޔާގެ ނަމުގައި ހަތަރު މައިންނަށް އަނިޔާކުރި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި

ރުގްޔާ ކުރުމުގެ ނަމުގައި ހަތަރު މައިން ގޭގައި ބަންދުކޮށް ތަޅާ އަނިޔާކޮށް ހެދި މައްސަލައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. މެދުރާއްޖެ ތެރޭގެ ރަށެއްގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މަންމަ އާއި ތިން ކު...

26 Nov 2020 | 09:13

ރުގްޔާ ކުރުމުގެ ނަމުގައި ހަތަރު މައިން ގޭގައި ބަންދުކޮށް ތަޅާ އަނިޔާކޮށް ހެދި މައްސަލައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މެދުރާއްޖެ ތެރޭގެ ރަށެއްގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މަންމަ އާއި ތިން ކުދިން ގޭތެރޭގައި ބަންދުކޮށް ތިން މަސް ދުވަސްދެން ގެންގުނު ކަމަށްވެ އެވެ. މިވާހަކަތަށް މީޑިއާގައި ކިޔައި ދިނީ އަނިޔާ ލިބުނު އަންހެން މީހާ އާއި އެ އާއިލާ މީހެކެވެ.

ފުލުހުން ބުނީ އެ މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކުރީ ރެއާއި މިއަދު ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 24 އަހަރާއި 39 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

އޭގެ ތެރެއިން ރުގްޔާ ކުރި މީހާއަށް ފުލުހުން ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. އެ އަންހެން މީހާގެ ފިރިމީހާއަށް ތުހުމަތު ކުރަނީ ރުގްޔާކުރާ މީހާގެ އަމަލުތަކަށް ހިތްވަރުދީ އޭނާ ވެސް އެ އަނިޔާގައި ބައިވެރިވެފައިވާކަމަށް ބުނެ އެވެ.

ރުގްޔާ ކުރާ މީހާ ޖިންސީ އަނިޔާ ކުރީ އެ އަންހެން މީހާގެ ހަތް އަހަރުގެ ދަރިފުޅަށެވެ.

އެ އަންހެން މީހާގެ ގައިގައި ޖިންނި އެއް އުޅޭކަމަށް ބުނެ ރުގްޔާ ކުރަން ފެށީ ބޮލުގައި ރިއްސާތީ ކަމަށް އެ އަންހެން މީހާ ބުނެފައިވެ އެވެ. އަދި ރުގްޔާ ކުރަން އޭނާ އާއި ތިން ކުދިން ގޭގައި ބަންދުކޮށް އަނިޔާ ކުރުގެ އިތުރުން އެހެން މީހުންނާއި މުއާމަލާތް ނުކުރެވޭ ގޮތަށް ފޯނު އަތުލި ކަމަށް ބުނެފައިވެ އެވެ.

އެގޮތުން އެ އަންހެން މިހާ އާއި އޭނާގެ އުމުރުން ހަތް އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމަށާއި އެ ކުޑަކުއްޖާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ބުނެފައިވެ އެވެ. އޭނާ އެކަމުން ސަލާމަތްވީ އެ ރަށުގައި އުޅޭ އާއިލާ މީހަކަށް ގުޅޭގޮތް ވެގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އެ އަންހެން މީހާ ބުނީ ފުލުހާއި ޖެންޑާއަށް ހުށަހެޅުމުންވެސް އެކަން ބެލޭގޮތް ނުވީ ފިރިމީހާގެ ވާހަކަތައް އެމީހުން ގަބޫލު ކުރުމުންނެވެ.

މި މައްސަލައިގަ ޖެންޑާ މިނިސްޓްރީން ބުނީ އެ އާއިލާގެ ރައްކާތެރިކަން ފޯރުކޮށްދީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް