ލޮކްޑައުން ތެރޭގައި އެމްޕީއެލްގައި ހިންގި ބޮޑު ހިޔާނާތެއް ފަޅާ އަރައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތެރޭގައި ހިންގި އަށް މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފަޅާ އަރައިފި އެވެ. މި ހިޔާނާތް ހިންގާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މުޅި ގައުމު ލޮކްޑައުންކޮށް...

26 Nov 2020 | 08:16

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތެރޭގައި ހިންގި އަށް މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފަޅާ އަރައިފި އެވެ.

މި ހިޔާނާތް ހިންގާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މުޅި ގައުމު ލޮކްޑައުންކޮށްފައި އޮތް ދުވަސް ވަރު އެވެ. މި މައްސަލައިގަ ބައިވެރިވި މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑުކޮށްފައި އެވެ.

އެ ހިޔާނާތް ހިންގާފައިވާކަން ފަޅާ އަރުވާލީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ކުރެއްވި ޓުވީޓެއްގައި އެވެ. ޒަކީގެ ޓުވީޓުގައި ވިދާޅުވީ އެއީ ތެލުގެ ވައްކަމެއް ކަމަށާއި އެއީ ފޭރުމެއް ކަމަށެވެ.

އިއްޔެ ކުރެއްވި މި ޓުވީޓުގައި ވިދާޅުވީ މި މައްސަލައިގަ ހިމެނޭ އެމްޕީއެމްގެ މުވައްޒަފުން ސަސްޕެންޑު ކުރަން ބޯޑުގައި ނެގި ވޯޓުގައި އެކަމަށް އެންމެ ތިން މެމްބަރުން ތާއީދު ކުރެއްވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި މި ހިޔާނާތުގައި އެފްއެސްއެމްގެ މުވައްޒަފުންތަކެއްވެސް ބައިވެރިވި ކަމަށް ތުހުމަތު ކުރައްވާފައި އެވެ.

އޭނާ ޗެއާމަންގެ މަގާމުގައި ހުންނަވަނިކޮށް މިފަދަ ބޮޑު ހިޔާނާތުގެ އަމަލެއް ހިންގާފައިވާތީ ހިތާމަ ކުރައްވާ ކަމަށް ޒަކީ ވިދާޅުވެފައިވެ އެވެ.

https://twitter.com/datomzaki/status/1331566804901105668

ޒަކީ އިއްޔެ މި ޓުވީޓު ކުރައްވާފައި ވަނިކޮށް މިއަދު އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގަ ހިމެނޭ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އެކަމަކު ސަސްޕެންޑު ކުރީ ކިތައް މުވައްޒަފުން ކަމެއް ހާމައެއް ނުކުރެ އެވެ.

އެމްޕީއެލްއިން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި އޮޑިޓުން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން، އެ މައްސަލަ މިހާރު ވަނީ އޭސީސީ އާއި ފުލުހުންގެ އިތުރުން އޮޑިޓަ ޖެނެރަލް އަށް ވެސް ހުށަހަޅާފައިވާ ކަމަށް، ބުންޏެވެ. އެކަމަކު ހިނގައިގެން އުޅޭ ހިޔާނާތުގެ އަދަދެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް