ތޫފާން "ނިވާރު" ބާރު ދަށްވެއްޖެ، ރާއްޖެއަށް އަސަރު ކުރާނެ ކަމަކަށް ނުބެލެވޭ!

ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާން 'ނިވާރު' ގެ ބާރު ދަށްވެފައިވާތީ އެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެ ކުރާނެ ކަމަށް މިހާރު ނުބެލެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ. ބޭ އޮފް ބެންގަލ...

26 Nov 2020 | 07:59

ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާން 'ނިވާރު' ގެ ބާރު ދަށްވެފައިވާތީ އެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެ ކުރާނެ ކަމަށް މިހާރު ނުބެލެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ތޫފާން އިންޑިއާގެ ޓެމިލްނާޑު ސްޓޭޓްގެ ވެރިރަށް ޗެންނާއީ އާއި ޕޮންޑިޗަރީ ފަދަ ސިޓީތަކަށް އިއްޔެގެ ވަގުތެއްގައި ވަނީ އަރާފައި އެވެ.

ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ރާޅު އެރުމުގެ ސަބަބުން އެ ސިޓީތަކުން ކަރަންޓު ގޮސް، ގޭގޭގައި ފެންބޮޑުވެފައި ވާއިރު ބޮޑެތި ގަސްތައް ވަނީ މުލުން ލުހިގެން ވެއްޓިފައި އެވެ. ތޫފާން އެރުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ މައުލޫމާތެއް އަދި ނޭނގެ އެވެ.

މެޓް އޮފީހުން ކުރިން ބުނީ އިއްޔެގެ ވަގުތެއްގައި މި  ތޫފާނުގެ އަސަރު ނުސީދާކޮށް ރާއްޖެއަށް ކުރާނެ ކަމަށެވެ. އަދި ތޫފާނުގެ އަސަރު ނުސީދާކޮށް ކުރާނީ މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކަމަށް ލަފާކޮށްފައިވެ އެވެ.

އެކަމަކު ތޫފާނުގެ ބާރު ދަށްވެފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެހެންވެ މެޓް އޮފީހުން ބުނީ މި ތޫފާނުގެ އަސަރު އެއްވެސް ވަރަކަށް ރާއްޖެއަށް ކުރާނެ ކަމަށް މިހާރު ނުބެލެވޭ ކަމަށެވެ.

އަދި މިހާރު ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް ކުރަމުންދަނީ މޫސުމީ ވިއްސާރަކަމަށާއި އެއީ ތޫފާނާއި ގުޅުން ހުރި ވިއްސާރައެއް ނޫންކަމަށް ބުނެ އެވެ.

މެޓް އޮފީހުން ލަފާ ކޮށްފައިވާގޮތުގައި މެދުތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ 10-20 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ 5-15 މޭލުގެ ބާރުމިނުގައި އެވެ.

ވިލާގަނޑުގައި 35 މޭލަށް ވައ ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންވެ ކަނޑު ގަދަ ވާނެ ކަމަށާއި އެ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރާ އިރު މޫސުމަށް ސަމާލުވާން އެ އިދާރާ އިން ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް