ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނީގެ އެއް ޑިރެކްޓަރު ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަ ވެއްޖެ އެވެ.
ޓޫރިޒަމް ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެއްގެ އިތުރުން ޑރ. މަނިކަކީ ރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. ޑރ. އިބްރާހިމް އުމަރު މަނިކަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ކޮއްކޯފުޅެވެ.
ޑރ. މަނިކު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން ރޭގެ ވަގުތެއްގައި ސިންގަޕޫރުގެ އެލިޒަބަތު ހޮސްޕިޓަލްގައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މަނިކު ފަރުވާ ހޯއްދަވަމުން ގެންދެވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށެވެ.
އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
ޑރ. މަނިކު ވަނީ ސަރުކާރުގެ ކުރީގެ މައި ހޮސްޕިޓަލް ސެންޓްރަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާފައި އެވެ. އަދި ޔުނިވާސަލް ރިސޯޓްތަކުގެ ހިއްސާ އޮތުމުގެ އިތުރުން ޑރ. މަނިކުގެ އަމިއްލަ ތިން ރިސޯޓެއް ރާއްޖޭގައި އޮވެ އެވެ.
ޔުނިވާސަލް އަކީ މީގެ 46 އަހަރު ކުރިން އުފެއްދި ކުންފުންޏެކެވެ. އެކުންފުނިން ރާއްޖޭގައި އަށް ރިސޯޓު ހިންގަމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް