ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީޑިއާ ނެޓްގެ ހިދުމަތް ދިނުމާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީޑިއާނެޓްގެ ހިދުމަތް ދިނުމާއި ގުޅޭ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މީޑިއާނެޓާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި އެއްބަސްވު...

26 Nov 2020 | 04:59

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީޑިއާނެޓްގެ ހިދުމަތް ދިނުމާއި ގުޅޭ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މީޑިއާނެޓާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފެވެ. މީޑިއާނެޓްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ އަޙްމަދު ނަބާހުއެވެ.

މި އެއްބަސްވުމުގެ ދަށުން މީޑިއާނެޓްގެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދޭނީ އެޗްޑީސީން ގާއިމް ކުރާ "އޯޕަން އެކްސެސް ނެޓްވޯކް" މެދުވެރިކޮށެވެ. "އޯޕަން އެކްސެސް ނެޓްވޯކް"އަކީ ހުޅުމާލޭ "ސްމާޓް ސިޓީ" މަޝްރޫޢުގެ މައިގަނޑު ބިންގާ ކަމަށް އެޗްޑީސީން ބުނެ އެވެ.

މި ރަސްމިއްޔާތުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާތިފު ވިދާޅުވީ، ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއްގެ ހައިސިއްޔަތުން އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް ޚިދުމަތްތަކުގެ އަގުތައް ކުރިއަށްއޮތްތާނގައި ކުޑަކޮށްދިނުމަކީ އެކޯޕަރޭޝަންގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި އަލަށް ޤާއިމުކުރާ "އޯޕަން އެކްސެސް ނެޓްވޯކް"އާއެކު މިހާރު ޚިދުމަތްދޭ ފަރާތަށާއި، އަލަށް މި ވިޔަފާރިއަށް ވަންނަ ފަރާތްތަކަށްވެސް އެ ފުރުޞަތު ފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މީޑިއާނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު ނަބާހު ވިދާޅުވީ އެއް ވިއުގައެއްގެ ތެރެއިން ނެޓްވޯކް ޝެއަރ ކުރުމަކީ އެކުންފުނިންވެސް ވަރަށް ތަރުހީބުދޭ ކަމެއްކަމަށާއި، މިއީ ކާމިޔާބު މޮޑެލެއްކަމަށެވެ. އަދި އެޗްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ އެކުންފުނީގެވެސް ވަރަށް އުއްމީދީ މަޝްރޫޢެއްކަމަށް ނަބާހު ވިދާޅުވިއެވެ.

އެ ކުންފުނިން ބުނީ މި ނެޓްވޯކް މެދުވެރިކޮށް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް މީޑިއާނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވާނެ އެވެ. އަދި މީޑިއާނެޓާއި އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން "'ހިޔާ" މަޝްރޫއުގެ ފްލެޓުތަކަށް މީޑިއާ ނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އިސްކަން ދޭނެ ކަމަށް ބުނެ އެވެ.

"އޯޕަން އެކްސެސް ނެޓްވޯކް" އަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުރިހާ ޢިމާރާތްތައް މުވާޞަލާތީ ވިއުގައަކުން ގުޅާލުމަށްޓަކައި ބޭނުން ކުރާ މައިގަނޑު އެއް އިންފްރާސްޓްރަކްޗާ އެވެ. އަދި މި އިންފްރާސްޓްރަކްޗާގައި އެކުލެވޭ ފައިބާ ވިއުގަ މެދުވެރިކޮށް ހުޅުމާލޭގައި މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް