ރ. އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު އެ ރަށުން ނެގި 60 ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެކަކު ޕޮސިޓިވްވުމުންނެވެ. އެ ރަށުން ރެންޑަމް ސާމްޕަލް ނެގީ ކެފޭ/ ރެސްޓޯރެންޓުތަކާއި ފިހާރަތަކުން 15 ސާމްޕަލް، ހޮސްޕިޓަލް މުވައްޒަފުންގެ ތެރެއިން 20 ސާމްޕަލް، ޑޮކްޓަރަށް ދައްކަން ދިޔަ މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރި 20 މީހެއްގެ ސާމްޕަލް އަދި އެ ރަށުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ފަސް ސާމްޕަލެކެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޗްއީއޯސީގެ އަތޮޅުތެރޭގެ ޓާކްސްފޯސްގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ އުނގޫފާރު މޮނިޓަރިންއަށް ލުމަށް ފަހު ރަށަށް މީހުން އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެރަށުގެ ސްކޫލްތަކުގައި ކިޔަވައިދިނުން ބަންދުކޮށް، ކެފޭ ރެސްޓޯރެންޓުތަކަށް ގޮސްގެން ހިދުމަތް ހޯދުން މަނާވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށުގައި އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. އެކަމަކު އުނގޫފާރަކީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށަކަށްވާތީ އެހެން ރަށްރަށުން ޑޮކްޓަރަށް ދައްކަން ދާން ބޭނުންވާ ފަރާތްތަކަށް އެޗްއީއޯސީއަށް އީމެއިލް މެދުވެރިކޮށް ހުއްދައަށް އެދުމުން އެ ހުއްދަ ދޭނެ ކަމަށެވެ.
އުނގޫފާރުގެ އިތުރުން މޮނިޓަރިންގެ ހާލަތުގައި އޮތީ ކުޅުދުއްފުށީ ސިޓީ އެވެ. އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ފުލުހަކު ޕޮސިޓިވްވެ އެމީހާ އާއި ގުޅުން ހުރި ގިނަ ބަޔަކު ޕޮސިޓިވް ވުމުންނެވެ.
އެޗްއީއޯސީން ބުނީ މިމަހުގެ 17 ގެ ފަހުން އެ ރަށުން އިތުރު މީހަކު ޕޮސިޓިވްވެފައި ނުވާ ކަމަށެވެ. އަދި އޭގެ ފަހުން ދެ ބުރެއްގެ މަތިން ނެގި 220 ރެންޑަމް ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށެވެ.
ކުޅުދުއްފުށީގައި މިހާރު ދަނީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރި މީހުން ކޯވިޑަށް ޓެސްޓު ކުރަމުންނެވެ. އެގޮތުން މިއަދުގެ ނިޔަލަށް 84 ސާމްޕަލެއް ޓެސްޓު ކޮށްފައިވާއިރު ހުރިހާ ސާމްޕަލެއް ނެގެޓިވް ވެފައިވެ އެވެ.
އެޗްއީއޯސީން ބުނީ އެ ރަށް މޮނިޓަރިންގެ ހާލަތުން ނަގާނީ އިތުރަށް ބެލުމަށް ފަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް