ވިލާކޮލެޖުން ސައިކޮލޮޖީ ކިޔަވާ ދަރިވަރުން އަމަލީ ތަޖުރިބާގެ ފުރުސަތު ފަހިކޮށްދިނުމަށް އިންސްޓިޓިއުޓްތަކާއެކު އެއްބަސްވުމަކަށް

ވިލާ ކޮލެޖާއި ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކައުންސިލިންގ އިންސްޓިޓިއުޝަންތަކާއި ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެމް.އޯ.ޔޫ އަކީ ވިލާ ކޮލެޖުގައި ކިޔަވަމުންދާ ބެޗެލަރ އޮފް ސައިކޮލޮ...

26 Oct 2020 | 13:55

ވިލާ ކޮލެޖާއި ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކައުންސިލިންގ އިންސްޓިޓިއުޝަންތަކާއި ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެމް.އޯ.ޔޫ އަކީ ވިލާ ކޮލެޖުގައި ކިޔަވަމުންދާ ބެޗެލަރ އޮފް ސައިކޮލޮޖީ ދަރިވަރުންގެ ޢަމަލީ ތަޖުރިބާގެ ބައި ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ.

އެމް.އޯ.ޔޫގައި ސޮއި ކުރެވުނީ އެކަމަށްޓަކައި ވިލާ ކޮލެޖުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ވިލާ ކޮލެޖާއެކު އެއްބަސްވުމުގައި ސޮއި ކުރެއްވި ފަރާތްތަކަކީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ސައިމާ ކެއަރ، ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)، އިންސްޓިޓިއުޓް ފޯ ކައުންސިލިންގ އެންޑް ސައިކޯތެރަޕީ ޕްރައިވެޓް ލިމިޓެޑް (އައި.ސީ.ޕީ) އަދި މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސަރވިސަސް، ޓްރެއިނިންގ އެންޑް ރިސަރޗް (މިޕްސްޓަރ) އެވެ.

ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެމިނިސްޓްރީގެ ޑިރެކްޓަރ، އަލްފާޟިލް އަޙްމަދު އިމާދެވެ. ސައިމާ ކެއަރގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޕަރޓްނަރ، އަލްފާޟިލާ ފާޠިމަތު ޙިލްމީއެވެ. ޝީގެ ފަރާތުން ސޮއި ކުރެއްވީ ސީ.އީ.އޯ، އަލްފާޟިލް އަޙުމަދު ޝަފީޢު އެވެ. އައި.ސީ.ޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ، އަލްފާޟިލާ ޝިދާތާ ޝަރީފެވެ. އަދި މިޕްސްޓަރގެ ފަރާތުން ސޮއި ކުރެއްވީ ރެޖިސްޓަރޑް ކްލިނިކަލް ސައިކޮލޮޖިސްޓް އަދި ހެޑް އޮފް މިޕްސްޓަރ، ޑރ. ޢައިޝަތު ޢަލީ ނާޒެވެ. ވިލާ ކޮލެޖުގެ ފަރާތުން އެއްވަސްވުމުގައި ސޮއި ކުރެއްވީ، ރެކްޓަރ، ޑރ. އަޙުމަދު އަންވަރެވެ.

މިރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ސީނިއަރ ލެކްޗަރަރ، އަދި ޕްރޮގްރާމް ކޯޑިނޭޓަރ، ޑރ. ޢައިޝަތު ނަޝީދާ ދެއްކެވި ވާހަކަފުޅުގައި، މިފަދަ އެއްބަސްވުމެއްގެ ސަބަބުން ދަރިވަރުންނަށް އަމަލީ ތަޖުރިބާ ފުރިހަމައަށް ލިބުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ޢަމަލީ މައިދާނުގައި ދަރިވަރުންނަށް އުނގެނިފައިވާ ފިލާވަޅުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޑރ. ނަޝީދާ ވިދާޅުވިއެވެ.

އެއަށްފަހު، ވިލާ ކޮލެޖާއެކު އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކުންވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެއަށް މިދާއިރާއިން ފުރިހަމަ އަށް ތަމްރީނުވެފައިވާ ދަސްވެނިންގެ ބޭނުން މިއަދު ބޮޑުވެފައިވާ ހިނދު، ވިލާ ކޮލެޖާއެކު މި ވެވުނު އެއްބަސްވުމަކީ، މިދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދަރިވަރުންނަށް ޢަމަލީ މައިދާނުގައި ނުހަނު މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށްވެސް ފާހަގަ ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ޑީން، އަލްފާޟިލް ޢަބްދުއްސައްތާރު ޤާސިމް ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންނަށް މިފަދަ ފުރުސަތެއް ހޯއްދަވައިދެއްވުމަށް ވިލާ ކޮލެޖާއި ކައުންސިލިންގ އިންސްޓިޓިއުޝަންތަކުގެ ފަރާތުން ކުރެއްވި މަސައްކަތްޕުޅާއި ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާ، އެކަމަށްޓަކައި ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ވިލާ ކޮލެޖުގެ ބެޗެލަރ އޮފް ސައިކޮލޮޖީގެ ޢަމަލީ ތަޖުރިބާ ފުރިހަމަ ކުރާ އެންމެ ފުރަތަމަ ބެޗް، ޖެނުއަރީ 2021 ގައި އެބައި ފުރިހަމަ ކުރުމަށްޓަކައި ފަށާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް