ތައުލީމީ ދާއިރާއަށް ބަދަލުތަކެއް ގެންނަ ތައުލީމީ ބިލް މަޖިލީހުން ފާސްކޮށްފި

ތައުލީމީ ދާއިރާއަށް މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ތައުލީމީ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިއަދު ފާސްކުރި ތައުލީމީ ބިލަކީ ސަރުކާރުގެ ފަރާތުން2019 ވަނަ އަހަރުގެ ޑިސެމްބަރު...

26 Oct 2020 | 12:52

ތައުލީމީ ދާއިރާއަށް މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ތައުލީމީ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު ފާސްކުރި ތައުލީމީ ބިލަކީ ސަރުކާރުގެ ފަރާތުން2019 ވަނަ އަހަރުގެ ޑިސެމްބަރު 8 ގައި ހުށަހެޅުއްވި ބިލެކެވެ. މި ބިލް ފާސްވީ55 މެމްބަރުންގެ ވޯޓުންނެވެ.

އެ ބިލް ބުނާގޮތުން ޕްރީ ސްކޫލު ތައުލީމާއި ފަށާ ތައުލީމާއި އަދި ސާނަވީ ތައުލީމު ކިޔަވައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭން ޖެހޭނެ އެވެ.

މީގެ އިތުރުން އުމުރުން4 އަހަރާއި 16 އަހަރުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމް ލާޒިމްވާނެ ކުއްޖެއް ކަމަށާއި ޕްރީސްކޫލު ތައުލީމު ވެސް ހިލޭ ފޯރުކޮށްދޭން ޖެހޭނެ ކަމަށް ތައުލީމީ ބިލުގައި ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ސްކޫލުތަށް ފިޔަވައި ކިޔަވއިދޭ އަމިއްލަ ތަންތަން ހިންގަވާނީ ތައުލީމީ ގާނުނުގެ ދަށުން ހަދާ ގަވައިދު ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްފަހު އެވެ. އޭގެ ތެރޭގައި ބޭބީ ނާސާސީ ޓިއުޝަން ސެންޓަރުތަށް އަދި ނާސާރީ ވެސް ހިމެނެ އެވެ.

މި ބިލް ގާނޫނަކަށް ވެ އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުން އައި ތަންތަން، ދެ އަހަރުގެ ތެރޭގައި ރަޖިސްޓްރީކުރަންޖެހޭއިރު އެފަދަ ރަޖިސްޓްރީއެއް ނެތި ހިންގަމުންދިޔަ ތަންތަން ވެސް، ތައުލީމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.

ތައުލީމީ ބިލްގައިވާ ގޮތުން ރާއްޖޭގައި ސަރުކާރުން ކަނޑަައަޅާ ސިޔާސަތެއްގެ ދަށުން އުޅޭ ބިދޭސީ ދަރިވަރުންނަށް ވެސް ހިލޭ ކިޔަވައިދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ދިވެހި ދަރިވަރުންނެކޭ އެއްގޮތަށް ބޭރުގެ ދަރިވަރުންނަށް ވެސް ވެސް ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔެވުމުގެ ހައްގު ލިބެ އެވެ.

އަދި ބިލްގައިވާ ގޮތުންނަމަ ޓީޗަރުން ރަޖިންސްކުރުމާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް ތައުލީމީ ބިލް ގާނޫނަކަށް އެއަށް އަމަލުކުރަން ފެށުމުން "ޓީޗާ ރަޖިސްޓްރޭޝަން ބޯޑު"ގެ ނަމުގައި ބޯޑެއް އެޑިއުކޭޝނުން އުފައްދަން ޖެހެ އެވެ. އެ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރު އައްޔަންކުރައްވާ ރަޖިސްޓާ އެވެ. މިނިސްޓަރު އައްޔަން ކުރައްވާ ރަޖިސްޓާއަކީ އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރައްވާ، ޑެޕިއުޓީ މިނިސްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ ބޭފުޅަކަށް ވާންޖެހެ އެވެ.

މިއަދު ފާސްކުރި މި ބިލާއެކު ސްކޫލުތަކުގައި ކިޔަވައިދޭ ޓިޗަރުން ރަޖިސްޓްރީކުރުން މަޖުބޫރުވާނެ އެވެ. މީގެ ކުރިން ޓީޗަރުން ކިޔަވައިދެނީ އެކަމަށް ވަކި ހާއްސަ ލައިސަންސެއ ނެތި އެވެ. ތައުލީމީ ބިލަށް އަމަލުކުރަން ފެށުމުން ދެ އަހަރު ތެރޭގައި ހުރިހާ ޓީޗަރުން ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.

މި ގާނޫނަށް އަމަލުކުރާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެންމެ އަވަހަށް ދިރާސީ އަހަރު ފެށޭ ތާރީހެއްގަ އެވެ. އަންނަ އަހަރުގެ ދިރާސީ އަހަރު ފަށަން ހަމަޖައްސާފައިވަނީ ޖެނުއަރީ 10، 2021 ގަ އެވެ. ނަމަވެސް ދިރާސީ އާ އަހަރު ފަށާނީ އަންނަ އަހަރުގެ އޮގަސްޓް 10 ގަ އެވެ.

މި ބިލް ފާސްކުރުމަށް މީގެ ކުރިން ވެސް މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފަ އެވެ. އެކަމަކު ބިލް އަލުން ދިރާސާކުރުމަށް މަޖިލީހުގެ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް އަލުން ފޮނުވާލި އެވެ. ބިލް އިސްލާހުކޮށް މަޖިލީހަށް އަލުން ފޮނުވީ މިމަހު 13 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް